ކަމާލް ޚާން ގޮވައިގެން ސަލްމާން ޚާން ކޯޓަށް ދިޔަ އަސްލު ސަބަބު
ބޮލީވުޑްގެ އެކްޓަރ އަދި ޑިރެކްޓަރ ކަމާލް ރާޝިދް ޚާން ގޮވައިގެން ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ކޯޓަށް ދިޔަ ސަބަބު އޭނާ ސާފުކޮށްދީފިއެވެ.
މިދިޔަ ހަފްތާގައި ކަމާލް ޚާން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ މުންބާއީގެ ކޯޓަށް ހާޒިރު ކުރުމުގެ ޗިޓް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރު ކުރަނީ ސަލްމާން ޚާން އެންމެ ފަހުން ރިލީޒް ކުރި ފިލްމް، ރާދޭއާ ގުޅުވައިގެން ދެއްކި ވާހަކަ އަކުން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ފިލްމުގައި ހުރި އުނިކަންކަން ފާހަގަ ކުރުމުން ހަޖަމް ނުވީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ ޒީ ސްޑޫޑިއޯއާއެކު ސަލްމާން ޚާން ޕްރޮޑިއުސްކޮށް، މި އަހަރު ޢީދު ދުވަހު ނެރުނު ފިލްމެވެ. ސަލްމާން ޚާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މި ފިލްމުންނެވެ.
ކަމާލް ޚާންގެ މި ވާހަކަތަކާ ގުޅިގެން ސަލްމާންގެ ލޯޔަރުންގެ ޓީމުން ވަނީ ކަން ހިނގި ގޮތް ކިޔައިދީފައެވެ. އަދި ކޯޓަށް ވެއްދީ ފިލްމެއްގެ މައްސަަލައެއް ނޫން ކަމަށާއި ވައްދާފައި ވަނީ އަބުރު ކަތިލުމުގެ މައްސަލައެއް ކަމަށް ސަލްމާންގެ ލޯޔަރުންގެ ޓީމުން ބުންޏެވެ.
"ސަލްމާން ޚާންއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް މައްސަަލަ ރައްދުވާ ފަރާތުން ދައްކާފައި ހުރުމުން އަބުރުގެ ޤާނޫންގެ ދަށުން މައްސަލަ ކޯޓަަށް ވެއްދީ" ސަލްމާންގެ ލޯޔަރުންގެ ޓީމުން ބުނެފައިވެއެވެ.
އެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޓްވިޓަރ އަދި އެހެން ވެސް މަންސަތައް ބޭނުންކޮށްގެން ސަލްމާންގެ އަގު ވައްޓައިލާން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި ސަލްމާން ޚާންއަކީ މަނީ ލޯންޑަރ ކުރާ ކޮރަޕްޓް ފަރާތެއް ކަަމަށް ބުނެ ތުހުމަތު ކުރާއިރު، މި ތުުހުމަތުތައް ކޯޓުގައި ސާބިތުކޮށްދޭން ލޯޔަރުންގެ ޓީމުން ވަނީ އެދިފައެވެ. އަދި މިކަން ހިނގާތާ އެތައް މަހެއް ވެފައިވާ ކަމަށާއި ލޯޔަރުންގެ ޓީމުން މައްސަލަ ރައްދުވާ ކަމާލް ރާޝިދް ޚާންއަށް އެތައް ފަހަރު ނަސޭހަތްދީ އިންޒާރު ދީފައިވާ ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ކަމާލް ޚާން އާ ދެކޮޅަށް އުފުލައިފައިވާ މައްސަލަައިގެ ފުރަތަމަ އަޑު އެހުން މުންބާއީ ކޯޓުގައި ތާވަލްކޮށްފައި ވަނީ މިއަންނަ ޖޫން މަހު 7 އަށެވެ.