ޚަބަރު

ވެކްސިން ނުޖަހައި، މާސްކު ވެސް ނާޅައި ގިނައިން އުޅެނީ ޒުވާނުން: އެޗްޕީއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން އުޅުމަށާއި ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައިވީ ނަމަވެސް، އެގޮތަށް ގިނައިން ޢަމަލު ނުކުރަނީ ޒުވާނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 20-29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 39 ޕަސެންޓް މީހުން މި އަހަރުގެ މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށެވެ. އަދި ބަލިން ރައްކާތެރިވާން މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް އެ ގޮތަށް އަމަލު ނުކުރާ މީހުންގެ 48 ޕަސެންޓް މީހުންނަކީ ވެސް އެ އުމުރުފުރާގެ ޒުވާނުންކަން ކަމަށް އެޗްޕީއޭއިން ފާހަގަ ކުރައްވާފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ އުމުރުން 21-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 8،515 ފިރިހެނަކަށް އަދި 5،331 އަންހެނަކަށް ކޮވިޑު ޖެހިފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ. އަދި ޒުވާން އުމުރުގެ މީހުންނަށް ވެކްސިން ދޭން ފަށައިފައި ވަނީ އެންމެ ފަހުންނެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ފަހަކަށް އައިސް ވަނީ ގޯސްވެފައެވެ. އެގޮތުން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ފާއިތުވީ ދުވަސްތަކުގައި ގިނައިން ހުރީ 1000އިން މަތީގައެވެ. ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް މިހާރު އިންތިހާއަށް އިތުރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!