ރިޕޯޓް

މެއި 2021: ދިވެހި ތާރީހުގައި ކަޅު އަކުރުން، 89 މަރު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދެން އިމޭޖްސް: އިބްރާހިމް ޝަމްވީލް

ފާއިތުވެ މިދާ މެއި މަހު އަޅުގަނޑުމެން ދިވެހީން ހޭދަކުރީ ބިރުވެރި އަދި އެހާމެ ހިތްދަތި ދުވަސްތަކެކެވެ. ކޮވިޑް-19ގެ ތިންވަނަ ރާޅެއް އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ގައުމަށް ބިންދައިލައި މުޅި ގައުމު ދޮވެލީއެވެ. ގައުމުގެ އަފުރާދުންގެ މެދުގައި ބިރުވެރިކަން ބޮޑުވެ، ކަރުނައިން ލޯތައް ތެއްމާލީއެވެ. އެތައް އާއިލާއެއް ބިކަވެ އެތައް ބަޔަކު މި ދުނިޔެ ދޫކުރީއެވެ.

Ads by Hajj Corporation

2021ވަނަ އަހަރުގެ މެއި މަހާ އަޅުގަނޑުމެން ބައްދަލު ކުރި އިރު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 77އެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދުވަހުން ފެށިގެން މި މެއި މަހާ ހަމައަށް ދިވެހީންގެ ތެރެއިން މަހެއްގެ މައްޗަށް މިހާ ގިނަ މީހުން މަރުވެފައެއް ނުވެއެވެ.

77ގައި ހުރި މަރުތަކުގެ ނަންބަރު މައްޗަށް އެރީ ކުއްލިއަކަށެވެ. ރައްޔިތުންނަށް ނުވެސް އެނގި ތިއްބާ މަރަކަށްފަހު މަރެއްގެ ޚަބަރު ލިބެން ފެށިއެވެ. އޮންލައިން ނޫސްތަކާއި ޓީވީ، ރޭޑިއޯ އަދި މީސްމީޑިއާގެ މަންސަތަކުން ވެސް އިވެން ފެށީ ހިތާމަވެރި ޚަބަރުތަކެވެ. ބިރުވެރި ވާޙަކަތަކެވެ. ބައެއް ފަރާތްތަކުން މިހާ ގިނައިން މީހުން މަރުވާތީ އެއީ ސަރުކާރުގެ އުސޫލުތަކުގެ ފީކަޅާކަމުން ވީ ކަމެއް ކަމުގައި ބުނަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ވީ އިހުމާލުތަކުގެ ވާހަކައިގެ އަޑު އުފުލަމުންްނެވެ.

މަރުތައް އެކަންޏެއް ނޫނެވެ. ކޮވިޑް-19ގެ ކޭސްތައް ވެސް ރާއްޖޭގައި އިތުރުވީ ކުއްލިއަކަށެވެ. ހާހުން މައްޗަށް ކޭސްތަކުގެ އަދަދު ދިއުމުން ރައްޔިތުން ތިބީ ފިއްކެނޑިފައެވެ. ބައެއް ދުވަސްދުވަހު ދެހާހުން މައްޗަށް ވެސް ކޭސްތަކުގެ އަދަދު އެރިއެވެ. ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެތައް ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮވިޑް-19 ޖެހިގެން ފެސިލިޓީއަށް ގެންގޮސް އެތައް ދުވަހަކު އެތަނުގައި ބާއްވަން ޖެހޭ މީހުން ވެސް އުޅެއެވެ. އެފަދަ މީހުންގެ އާއިލާތަކާ އެމީހަކާ ބައްދަލު ނުވެ މަސް ދެމަސް ވެސް ވެ ހިނގައިދާނެއެވެ. ބައްދަލުވުމުގެ ފުރުސަތު ނުލިބި ދެން މިފެންނަނީ ފުރާނަ ނެތް މަސްގަނޑެވެ. ނަމަވެސް އެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލާނެހައކ ފުުރުސަތެއް ދަރިއަކަށް ވެސް މަޔަކަށް ވެސް ނުލިބެއެވެ. ކޮންފަދަ ހިތްދަތި ކަމެއްތޯއެވެ. ކިހާ ވޭނެއް އެ ހިތްތަކުގައި އަޅާނެތޯއެވެ.

ކޮވިޑް ޖެހިގެން މެއި މަހު އެންމެ ގިނަ މީހުން ނިޔާވީ މެއި މަހުގެ 24ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަކުޑަ ގައުމުން 13 ފުރާނައެއް ވަނީ ﷲގެ ތަނަވަސް ރަހުމަތަށް ދަތުރު ކޮށްފައެވެ.

މަރުތަކާއި ކޭސްތައް ގިނަވާން ފެށުމުން ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. 16 ގަޑިއިރަށް ކާފިއު އިޢުލާން ކޮށްފައިވާއިރު ކާފިޢު ނޫން 8 ގަޑިއިރު ވެސް ބޭރަށް ނުކުމެވޭނީ ފުލުހުން ދޭ ހާއްސަ ޕާމިޓަކާއެކުގައެވެ. އޭގެ ނަތީޖާ ވެސް މިހާރު ކޮންމެވެސް ވަރަކަށް ފެންނަން ފަށައިފިއެވެ. އެގޮތުން އިއްޔެ ރާއްޖެއިން އެންމެ މީހަކު ވެސް މަރުވެފައި ނުވާއިރު ކޭސްތަކުގެ އަދަދު ވެސް ވަނީ 700އަށް ވެއްޓިފައެވެ. އެކަމަކު އަދި ފަރުވާ ކުޑަ ކޮށްލެވޭކަށް ނެތެވެ.

ގައުމު މިހާލަތަށް ދިޔައީ އެންމެ ސަބަބަކަށް ވުރެ ގިނަ ސަބަބުތަކަކާ ހެދިއެވެ. ސަރުކާރުގެ ސިޔާސަތުތައް ވެސް ދޯދިޔާ ވެގެންނެވެ. އަދި އަޅުގަނޑުމެން ރައްޔިތުންގެ ތެރެއިން ވެސް ބަޔަކު މީހުން ފަރުދީ ޒިންމާ އަދާ ކުރުމުގައި އިހުމާލު ވެފައި ވާތީއެވެ.

ނިމިގެން މި ދިޔަ މެއި މަހަކީ ދިވެހި ތާރީހުގައި ހިތާމަވެރި ކަޅު މަހެކެވެ. ދިވެހި ތާރީހުގައި އެ މަހުގެ ވާހަކަ އަބަދުވެސް ދެކެވޭނެކަން ގައިމެވެ. ދުޢާއަކީ މި ނުރައްކާތެރި ބަލިމަޑުކަމުން އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން ސަލާމަތް ކުރެއްވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!