ރިޕޯޓް

13 މަރު: ހަމައެކަނި ނަންބަރެއް ނޫން، 13 އާއިލާއަކަށް ވޭނާއި ހިތްދަތިކަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ:އަދަދު.ކޮމް

އަހަރެމެން އެންމެން ގޭބަންދުވެ މި ތިބަ ހާލަތުގައި މިއަދު އޮންލައިން ނޫސްތަކުން ފެންނަނީ ހިތާމަވެރި ޚަބަރުތަކެވެ. ޓީވީ އާއި ރޭޑިއޯއިން އަޑު އިވެނީ ހިތްދަތި ވާހަކަތަކެވެ. ކޮވިޑް-19ގައި ކޮންމެ ދުވަހަކު ވެސް އެތައް ފުރާނައެއް މި ދުނިޔެ ދޫކުރާ ވާހަކައެވެ. މި ވަގުތީ ފާލަން ދޫކޮށް ދާއިމީ މަންޒިލަކަށް ދަތުރު ކުރާ ވާހަކައެވެ. މި ފާއިތުވި ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ނިސްބަތުން ބަލާނަމަ ކޮންމެ ދުވަހަކު 5 މަރު ނުވަތަ އެއަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

Ads by Sosun Fihaara

މިއަދު އެކަނި ވެސް މި ބަލީގައި ރާއްޖެއިން 13 މީހަކު މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. މިއީ ހަމައެކަނި ނަންބަރެއް ކަމުގައި ދެކިގެން ތިބެވޭކަށް ނެތެވެ. މިއީ 13 އާއިލާއަކަށް ވޭނާއި ހިތްދަތިކަން ގެނުވައިދޭނޭ ކަމެކެވެ. ކޮންމެވެސް މީހެއްގެ މަންމައެއް ނުވަތަ ބައްޕައެއް އެމީހަކާ ވަކިވެގެންދާ ދުވަހެކެވެ. ކޮންމެވެސް މީހެއްގެ ފިރިއެއް ނުވަތަ އަނތްބެއް އެމީހަކު ދޫކޮށް ދާ ދުވަހެވެ. އެ މީހުން އެވާ ދެރަ އާއި އެމީހުންނަށް ކުރެވޭނެ ހިތާމަ އަހަރެމެންނަކަށް އިހްސާސެއް ނުކުރެވޭނެއެވެ.

މި ދިހަ މީހުންގެ ތެރޭގައި ޖަޕާނުގެ އަންހެނަކު ވެސް ހިމެނެއެވެ. 87 އަހަރުގެ މި ޖަޕާނުގެ އަންހެން މީހާގެ ވެސް އާއިލާއެއް ވާނެއެވެ. ގާތްތިމާގެ މީހުން އުޅޭނެއެވެ. ނަމަވެސް ވަރަށް ދުރުގައެވެ. އެތައް މޭލެއް ދުރުގައެވެ.

ކޮވިޑް-19 ޖެހިގެން ފެސިލިޓީއަށް ގެންގޮސް އެތައް ދުވަހަކު އެތަނުގައި ބާއްވަން ޖެހޭ މީހުން ވެސް އުޅެއެވެ. އެފަދަ މީހުންގެ އާއިލާތަކާ އެމީހަކާ ބައްދަލު ނުވެ މަސް ދެމަސް ވެސް ވެ ހިނގައިދާނެއެވެ. ބައްދަލުވުމުގެ ފުރުސަތު ނުލިބި ދެން މިފެންނަނީ ފުރާނަ ނެތް މަސްގަނޑެވެ. ނަމަވެސް އެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލާނެ ހާ ފުުރުސަތެއް ދަރިއަކަށް ވެސް މަޔަކަށް ވެސް ނުލިބެއެވެ. ކޮންފަދަ ހިތްދަތި ކަމެއް ތޯއެވެ. ކިހާ ވޭނެއް އެ ހިތްތަކުގައި އަޅާނެ ތޯއެވެ. ކިހާ ދެރަވާނެތޯއެވެ.

ފޮޓޯ: އަދަދު.ކޮމް

މި ހާލަތަށް މި ގައުމު މިއަދު ގޮސްފައި މިވަނީ އެންމެ ސަބަބަކަށް ވުރެ ގިނަ ސަބަބުތަކާ ހެދިއެވެ. މިއީ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ވަގުތެއް ނޫނެވެ. ބަދަލުގައި ބަލަންވީ އެންމެން ގުޅިގެން މިކަމުން ސަލާމަތް ވެވޭތޯއެވެ.

ނިސްބަތުން ބަލާނަމަ ދުވާލަކު 5 މަރު މަދުވެގެން ވީ ކަމުގައި ވިޔަސް އެއީ މަހެއްގެ މައްޗަށް 150 ފުރާނައެވެ. އަހަރެމެންގެ މި ކުޑަކުޑަ އާބާދީ އޮންނަ ގައުމުގައި އެއީ ހާދަހާ ގިނަ ފުރާނައެކެވެ. އަދި ކިއެއްތޯއެވެ. މި ފަސްގަނޑުގައި ދުނިޔެ ދޫކުރާ ކޮންމެ ފުރާނައަކީ ވެސް ހާދަ އަގުހުރި ފުރާނައެކެވެ. އެންމެ މީހަކު ވަކިވެ ދިއުމަކީ ވެސް ހާދަހާ ބޮޑު ހިތާމައެކެވެ.

ފާއިތުވެ ނިމިގެން މިދާ މެއި މަސް އަހަރެމެންނަށް ގެނެސްދީފައި މިވަނީ ހިތްދަތިކަމެވެ. މާޔޫސްކަމާއި އެކަނިވެރިކަމެވެ. ބިރުވެރިކަމާއި ކަންބޮޑުވުމެވެ. މި މަހު އެކަނި ވެސް ކޮވިޑް ޖެހިގެން 72 މީހަކު ވަނީ ނިޔާވެފައެވެ. މިއީ ނަންބަރުތަކެއް އެކަންޏެއް ނޫނެވެ. އެތައް އާއިލާއަކަށް ވޭނާއި ހިތާމައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!