ދުނިޔެ

ކޮންމެ ދެމަފިރިއަކަށް 3 ދަރިން ހޯދުމުގެ ހުއްދަ ޗައިނާއިން ދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޗައިނާގައި ކުޑަކުދިން އުފަންވާ އަަދަދު އިންތިހާއަށް މަދުވުމުން، އެޤައުމުގައި ކޮންމެ ދެމަފިރިއަކަށް ތިން ދަރިން ހޯދުމުގެ ހުއްދަ ޗައިނާގެ ސަރުކާރުން ދީފިއެވެ.

Ads by Sosun Fihaara

ޗައިނާގައި މުސްކުޅި މީހުންގެ އާބާދީ، ޒުވާނުންނަށް ވުރެ އިތުރު، އިޤްތިޞާދަށް ގެއްލުން ލިބިދާނެތީ، ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެންމެ ދަރިއެއް ކަމަށް 1979ގައި ކަނޑައެޅި ސިޔާސަތު 2016ގައި ބަދަލުކޮށް، ދެ ދަރިން ހޯދަން ހުއްދަ ދިނެވެ. ދެ ދަރިން ހޯދަން ހުއްދަ ދިން ނަމަވެސް، މި ސިޔާސަތު މަސައްކަތެއް ނުކުރާކަން މިދިޔަ އަހަރުގެ ބޯ ހިމެނުމުން ހާމަވެގެން ދިޔައެވެ.

މިގޮތުން މިދިޔަ އަހަރުގެ ބޯހިމެނެމުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޗައިނާގައި އުފަންވެފައި ވަނީ 12 މިލިއަން ކުދިންނެވެ. އެއީ 1960 ގެ އަހަރުތަކަށް ފަހު އެންމެ މަދު އަދަދަކަށް ކުދިން އުފަންވި އަހަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގައި ގިނަ ކުދިން ހޯދަން ޖެހިލުން ވަނީ ސިޓީތަކުގައި ކުޑަކުދިން ބޮޑު ކުރުމަށްދާ ޚަރަދު ބޮޑުކަމުންނެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ 3 ކުދިން ހޯދާ ސިޔާސަތު އިއުލާން ކުރައްވާފައެވެ.

ޗައިނާގެ ސްޓޭޓް މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މި އުސޫލުގެ ދަށުން 3 ދަރިން ހޯދާ ފަރާތްތަކުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.މިބަދަލަކީ ޗައިނާގެ އިޤްތިޞާދަށާއި އާބާދީއަށް މުހިންމު ބަދަލެއް ކަމަށް އެ މީޑިއާއިން ރިޕޯޓް ކުރެއެވެ.

ޗައިނާގެ އާބާދީ ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އަބަދުވެސް ފާޑުކިޔައެވެ. މިގޮތުން މިފަހަަރު ހެދި ސިޔާސަތަށް ވެސް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ ފާޑު ކިޔައިފައެވެ. އެ ޖަމްއިއްޔާއިން ބުނެފައި ވަނީ މިއީ ޖިންސީ އަދި މާބަނޑުވުމުގެ އިންސާނީ ހައްޤަށް އަރައިގަތުން ކަަމަށާއި ހޯދާނީ ކިތައް ދަރިންކަން ކަނޑައެޅުމުގެ ބާރު ސަރުކާރަށް އޮންނާކަށް ނުޖެހޭ ކަމަށެވެ. އަދި އެއީ ސަރުކާރާ ބެހޭ ކަމެއް ވެސް ނޫން ކަމަށާއި މީހުންގެ އަމިއްލަ ނިންމުންތަކަށް ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

1979 ވަނަ އަހަރު، "އަހަރެމެންނަކީ އެކެއް، އަހަރެމެން ހޯދާނީ އެއް ކުއްޖަކު" މި ސިޔާސަތަށް ޗައިނާއިން އަމަލު ކުރަން ފެށީ އެޤައުމުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. އެއް ދަރިންނަށް ވުރެ ގިނަ ދަރިން ހޯދާ މީހުން ބޮޑެތި އަދަދުން ޖޫރިމަނާކޮށް، ވަޒީފާއިން ވަކިކޮށް، ބައެއް ފަހަރު ދަރި ވައްޓައިލާން ވެސް މަޖުބޫރު ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!