ކޮވިޑް-19: ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މާލެ ސަރަހައްދުން މިއަދު ފައްސިވީ 373 މީހުން

ރާއްޖެއިން މިއަދު އިތުރު 768 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 373 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 357 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 15 މީހުންނެވެ.
މީގެ އިތުރުން ކަނޑު އުޅަނދުފަހަރުން 8 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކަކުން 15 މީހަކު ކޮވިޑް-19އަށް މިއަދު ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 65،164 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 40،951 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 169 މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 208 މީހުންނަށެވެ.
މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން ފާހަގަ ވެއެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.
