އަނބިމީހާއަށް އަނިޔާކޮށްގެން ކަރަން ހައްޔަރަށް
2009 ވަނަ އަހަރުން ފެށިގެން ސްޓާ ޕްލަސްއިން ގެނެސްދޭ ސިލްސިލާ "ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" އިން މަޝްހޫރު ވެގެންދިޔަ ކަރަން މެހްރާ، އޭނާގެ އަނބިމީހާއަށް އަނިޔާ ކުރި މައްސައްލައެއްގައި ހައްޔަރުކޮށްފިއެވެ،
ކަރަންގެ އަންހެނުން ނިޝާ ރާވަލް ވަނީ މިދިޔަ މަހު 31 ވަނަ ދުވަހު ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މުންބާއީގެ ގޮރެގައުން ފުލުހުން މިހާރު މިމައްސަލަ ބަލަމުންނެވެ.
މީގެ ކުރިން ވެސް ކަރަން ނިޝާއަށް އަނިޔާ ކުރާ ކަމަށް ބުނާ ވާހަކަތަކެއް މީޑިއާގައި އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް މިއީ މިފަދަ މައްސަލައެއް ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ މައްސަލަތައް ފެންމަތިވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ކަރަން އެއްޗެއް ބުނެފައެއް ނުވެއެވެ.
ބައެއް މީޑިއާތަކުން ބުނީ އެ ދެ މީހުންގެ ދޭތެރޭގައި ހިނގި ހޫނު ޒުވާބުގަނޑަކަށް ފަހު ކޮޓަރީގެ ފާރާ ދިމާއަށް ނިޝާ ކޮއްޕާލުމުން، ފާރުގައި ބޯޖެހި އޭނާ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކަރަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
6 އަހަރު ދުވަހު ލޯބީގެ ގޮތުން އުޅުމަށް ފަހު ނިޝާއާއި ކަރަން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުއެވެ. މިކައިވެންޏަށް ފިރިހެން ދަރިއަކު ވެސްވަނީ ލިބިފައެވެ. 2012 ވަނަ އަހަރު ސްޓާޕްލަސް އިން ގެނެސްދިން "ނަޗްބަލިއޭ5"ގައިވެސް ނިޝާއާ އެކު ކަރަން ވަނީ ބައިވެރި ވެފައެވެ،