ލައިފްސްޓައިލް

ޑިޕްރެޝަންއަކީ ފަރުވާ ހޯދޭނެ ކަމެއް، އެއީ ނިކަމެތިކަމެއް ނޫން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޑިޕްރެޝަނަކީ ނަފްސާނީ ބައްޔެކެވެ. ދެރަވުމަކީ އާންމު ކަމެކެވެ. އެކަމަކު އެއް ދުވަހަށްވުރެ އަނެއް ދުވަހު ސަކަރާތްވެ އިތުރަށް ދެރަވެ ކަންތައްތައް ވާނަމަ ޑިޕްރެޝަންގެ ޢަލާމާތަކަށް ވެދާނެއެވެ. މޭޖާރ ޑިޕްރެޝަންއަކީ ދެހަފްތާއަށްވުރެ ގިނަ ދުވަހަށް، ދެރަވުމާއި އަދި މި ނޫނަސް ޑިޕްރެޝަންގެ އަލާމާތްތަށް ދެމިގެންދިއުމެވެ. ޑިޕްރެޝަންއަކީ ތިމާ ބަލިކަށި ނުވަތަ ނިކަމެތި ކަމުގެ ޢަލާމާތެއް ނޫނެވެ. އެއީ އެތައް ބަޔަކަށް ޖެހިފައިވާ ފަރުވާ ދެވޭ ބައްޔެކެވެ.

Ads by Sosun Fihaara

އެހެން ބަލި ބައްޔެކޭ އެއްފަދައިން ޑިޕްރެޝަންގައި ވެސް އެ ބަލީގެ އަލާމާތްތަކެއް ވެއެވެ. އޭގެ ތެރޭގައި ދިރިއުޅުން ދެކެ ފޫހިވެ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، އަމިއްލަ ނަފްސު ދެކެ ފޫހިވެ ދިރިއުޅުމާ ދޭތެރޭ އުއްމީދު ކެނޑި، އަމިއްލައަށް މަރުވާ ހިޔާލުތައް އައުން ހިމެނެއެވެ. މީގެ އިތުރުން ވަރުބަލިވުމާއި، އަވަހަށް ނިދިން ހޭލެވުން، އިންސޯމްނިއާ ނުވަތަ ނިދި ނައުން، ހަށިގަނޑަށް އުނދަގޫވެ، ނުކެވި، ބޮލުގައި ރިއްސާ ކަންތައްތައް ވުން ހިމެނެއެވެ.

ޑިޕްރެޝަންގެ ސަބަބުން މީހާ ރުޅިގަދަވެ، އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހުންނަށް ގެއްލުން ދެވެއެވެ. އަދި ބައެއް ފަހަރު ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް ފުރާނަ ދުއްވާލައިފައި ވަނީ ވެސް މަދު ބައެއް ނޫނެވެ. ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ މީހުން މަރުގެ ވާހަކަ ދައްކާ އަދި އަމިއްލައަށް މަރުވާ ވާހަކަ ދައްކާނެއެވެ. އަދި އެފަދަ ހާލަތްތަކުގައި ވަގުތުން އޭނާއަށް ޑޮކްޓަރެއްގެ ލަފާގެ ދަށުން ފަރުވާ ހޯދުމަކީ އެ މީހަކަށް ހެޔޮއެދޭ މީހުން ކުރަން ޖެހޭނެ ކަމެކެވެ.

ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ޑިޕްރެޝަންއަކީ އާއިލާގެ ފަރާތުން ވާރުތަވާ ކަމަށް ވެސް ބައެއް ފަހަރު ވެދެއެވެ. އަދި އަންހެނުންނަށް މިބަލި ޖެހޭވަރު ގިނަކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މިބަލި ޖެހޭ ސީދާ ސަބަބު އެއްވެސް ޑޮކްޓަރަކަށް އެނގިފައި ނުވާއިރު، މިބަލި ރަނގަޅުކުރުމަށް ބޭނުންކުރަން ދޭ ބޭހުން ސިކުނޑީގެ ނާރުތައް ވަރުގަދަވެ ރަނގަޅަށް މަސައްކަތް ކުރަން އެހީވެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!