"ބޮން ގޮއްވައިލި ވަގުތު ކައިރީގައި ތިބި "މޮޅު ކުދިންގެ" ބަސްނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ބޭއިންސާފެއް"
ނަޝީދަށް އަމާޒުކޮށް ދިން ހަމަލައިގައި ބޮން ގޮއްވައިލި ވަގުތު ކައިރީގައި ތިބި "މޮޅު ކުދިންގެ" ބަސްނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ބޭއިންސާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. "މޮޅު ކުދިން" މިގޮތަށް ނިސްބަތް ކުރެއްވީ ރައީސް ނަޝީދުގެ ބޮޑީގާޑުންނަަށް ކަމަށް ލަފާ ކުރެވެއެވެ.
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ އުސޫލުތަކާ ހިލާފުކަމެއް ކަމަށް ބުނެ އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ރޭންކް އެންޑް ފައިލް ނުވަތަ އާންމު ސޯލްޖާ ކަންކުރި ފުރިހަމަ ގޮތް ގެއްލުމާލުމަށް "ޓޮޕް ބްރާސް"ގެ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ. އަދި ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި ކުދިންނަށް ބަސް ނުބުނެވޭ ގޮތަށް ނިންމުމަކީ ބޮޑު ބޭއިންސާފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް އިންކުއައިރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށްދޭން އެދުމުން އެމްއެންޑީއެފުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުން ހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހްތިޔާރެއް ސިފައިންނަކަށް ނުލިބޭނެކަމަށް ސިފައިންގެ ގާނޫނުގައި ވާތީ، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، މަޖިލީހަށް ޖަވާބުދާރީ ވާނީ ސިފައިންގެ މުއައްސަސާއިން ކަމަށެވެ.
ކުރަން ބޭނުންވެއްޖެ ކަމެއް ގާނޫނުގަ އެކަމެއް ކުރަން ޖާގަ ނެތުން އެވީ ބޭއިންސާފަކައް.. ލިބިފައޮތް ބާރުގެ ސަބަބުން ގާނޫނުން ބޭރުގަ ކަންކަން ކުރަން ވިސްނާނަމަ 2012 ފެބްރުއަރީ 07 މަތިން ހަދާން ކޮއްލުން ރަނގަޅު ކަމައް ފެނޭ..
މިހާރުވެސް “މޮޅު” ކިޔައިގެން ސިފައިންނަށް މަލާމާތް ތިކުރަނީ. ކިހާދެރަ ކަމެއް.