ރިޕޯޓް

ނައިފަރު މޮނިޓަރިންގައި 74 ދުވަސް: ނަމޫނާ ދަައްކައި ނުރައްކާ ކުޑަކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްތަކެއް ވާންދެން މޮނިޓަރިންގައި އޮތް ރަށަކީ ޅ.ނައިފަރެެވެ.

Ads by STELCO

ނައިފަރު މޮނިޓަރިންގެ ހާލަތަށް ލެވުނުތާ މިހާރު މިވަނީ 74 ދުވަސް ވެފައެވެ. މާރޗު 23އިން ފަށައިގެން މޮނިޓަރިންގެ ހާލަތުގައި ރަށް އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަނީ ގިނަގުނަ ދަތިތަކަކާ ކުރިމަތިވެފައެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ރަށުގެ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި މިހާރު ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދުގެ ހަވީރު 4 އިން 6އަށް ވެސް ރަށުގެ ތިން ސަރަހައްދެއްގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިތުރަށް ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތުން ނެގުމަށް އޮތް އުއްމީދަކީ މިހާރު މި ނެގޭ ސުންކުތަކުން ފައްސިވާ މީހުންގެ އަދަދު މަދުވުން ކަމުގައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް 300އެއްހައި ސުންކު ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަދަދުތައް ބޮޑުތަނުން ދަށަށް

ނައިފަރުގައި ފައްސިވާ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެ ރަށުން މިހާތަނަށް ޖުމުލަ 897 މީހަކު ކޮވިޑަށް ފައްސިވެފައި ވީ ނަމަވެސް އޭގެ ތެރެއިން ބޮޑުބައެއް ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 39އެވެ.

އެ ރަށުން ޖުމުލަ 4376 ސުންކު ނެގިފައިވާއިރު 3469 ސުންކު ވަނީ ނައްސިވެފައެވެ.

އެ ރަށުގައި މިހާރު ކަރަންޓީނުގައި ހުރި ގެތަކުގެ އަދަދަކީ ވެސް 07އެވެ.

ރައްޔިތުންނަށް މާލީގޮތުން ބޮޑެތި ގެއްލުން ތަކެއް

"ދެން"އާ ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ރަށުގެ ރައްޔިތުންނަށް މި ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުން ގިނަ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަކީ ވަރަށް ގިނައިން އަމިއްލަ މަސައްކަތް ކުރާ ބައެއް ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

" ކޮންސްޓްރަކްޝަންގެ މަސައްކަތް އަދި މަސްވެރިކަން މިިހާރު އޮތީ ހުއްޓިފަ، މަހަށްދާ މީހުންނާ އެމީހުންގެ އާއިލާތަކުގެ މީހުން ޕޮސިޓިވް ވީމަ މަހަށް ވެސް ނުދެވޭ، އެހެންވީމަ މާލީ ގޮތުން ވަރަށް ބޮޑު ދަތިކަމަކާ ވަނީ ކުރިމަތިވެފަ" މުހައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ނައިފަރުގައި އެކަމުގެ ސަބަބުން ރައްޔިތުންނަށް އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ޚަރަދުތައް ކުރުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ފެސިލިޓީއެއް ވަނީ ނިމިފައި

މުހައްމަދު ވިދާޅުވީ ފައްސިވާ ފަރާތްތައް ގޭގައި ބައިތިއްބައިގެން ކަންކަން ހަމަޖައްސަން އުނދަގޫ ވެދާނެތީ ފައްސިވާ ފަރާތްތައް ބޭތިއްބުމަށް ކޮވިޑް ފެސިލިޓީއެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު ކައިރި ރިސޯޓްތަކުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދައުލަތުގެ ފަރާތުން މިހާލަތުގައި އެ ރަށަށް ފޯރުކޮށްދޭން ޖެހޭ ތަކެތި ފޯރުކޮށްދިނުމުގައި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި މި ހާލަތުގައި ހަރަދުކުރާނެ ބަޖެޓެއް ހަމަޖެހުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ނައިފަރުގެ ހާލަތު މިވަނީ ރަނގަޅުވާން ފަށައިފައެވެ. މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ފާހަގަކޮށް މުހައްމަދު ވަނީ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ނައިފަރުން މިހާތަނަށް 04 މީހަކު މި ބަލީގައި ނިޔާވެފައިވާއިރު އޭގެ ތެރެެއިން 03 މީހުންނަކީ އެ ރަށަށް ނިސްބަތްވާ ތިން މީހުންނެވެ. އަނެކަކީ ހިންނަވަރަށް ނިސްބަތްވާ މީހެކެވެ.

  1. ބާސް

    ނައިފަރަކީ ހަމަ ރުނޑިން އުޅޭ ރަށެއް

    • ހައްޕު

      ބުނާނެ ހެޔޮބަހެއް ނެތިއްޔާ އެއެޗެއް ނުބުނެހުރުން ސަޅިއެއް ނޫންތަ؟

  2. ޔޫސޭ

    ނައިފަރަކީ އަބަދުވެސް ކެތްތެރި، ހިތްހެޔޮ، ބަސްއަހާ، މީހުންނަށް އަޅާލާ އޯގާތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ.
    ޝުކުރިއްޔާ ނައިފަރު