ބޮލީވުޑް

ކޮވިޑް-19އިން ފަސޭހަ ވުމުން ކުރިން އުޅުނުހެން އުޅެވޭނޭ ހީކުރިން، އެކަމަކު އެއީ ކުށްހީއެއް: ކަންގްނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ފަސޭހަވުމުން އާންމު ދިރިއުޅުމުގައި ކުރިން އުޅުނުހެން އުޅެވޭނެކަމަށް ހީކުރެވުނު ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގްނާ ރަނާވަތު ބުނެފިއެވެ.

ކޮވިޑް-19އަށް ފައްސިވެ، އެ ބަލިން ފަސޭހަވުމަށް ފަހު، އޭނާގެ އެ ދަތުރާ ގުޅޭގޮތުން ކަންގްނާ ވަނީ އިންސްގްރާމް މެދުވެރިކޮށް ވާހަކަ ދައްކައިފައެވެ.

އެގޮތުން ކަންގްނާ ބުނީ ކޮވިޑްއިން ފަސޭހަވުމުން، ދެން އާންމު ދިރިއުޅުމުގައި ކުރިން އުޅުނުހެން އުޅެވޭނެ ކަމަށް ހީކުރި ކަމަށެވެ. އެގޮތުން ޝޫޓިންތަކަށާއި ވޯކްއައުޓުކުރަން ވެސް ދެވޭނެ ކަމަށް ހީކުރި ކަމަށް ބުންޏެވެ.

ނަމަވެސް ކޮވިޑަށް ނައްސިކަމުގެ ނަތީޖާ ލިބުނު ދުވަސް ނޫން ދެން ޖެހިގެން އައި ދުވަހު އޭނާ ބޭރަށް ނުކުތުމާއެކު ބޮލަށް އެނބުރުން އަރައިގެން ވެއްޓެން އުޅުނު ކަމަށާއި އެހެންކަމުން އަނެއްކާ ވެސް ޖެހުނީ އެނދުގައި އޮށޯވެ ފަރުވާ ހޯދަންކަމަށް ވެސް ކަންގްނާ ބުންޏެވެ.

ކަންގްނާ ބުނީ ކޮވިޑް-19އިން ފަސޭހަ ވުމާއި އާދައިގެ ބައްޔަކުން ފަސޭހަވުމާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އެހެންކަމުން 14 ދުވަސް ފުރިހަމަވި ނަމަވެސް އަދި ނަތީޖާ ނައްސިވި ނަމަވެސް ހަށިގަނޑުގައި ރަނގަޅަށް ވަރުޖައްސާފައި ނޫނީ ހަލަބޮލިކޮށް ނޫޅުމަށް ކަންގްނާ ބުންޏެވެ.

އާންމު ގޮތެއްގައި ގިނަ މީހުން ހިތްހަމަ ނުޖެހޭ ވާހަކަ ދައްކާ ކަންގްނާ، ހިއްސާކުރި މި ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު އޭނާއަށް ވަރަށް ތައުރީފުކޮށް، ހިތްވަރު ވެސް ދިނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!