ރިޕޯޓް

އަދަދުތައް ކިރިޔާ ދަށްވާއިރަށް ފަރުވާ ކުޑަކޮށްނުލާ، ބިރުވެރިކަން އިންތިހާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19އަށް އިއްޔެ ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު ފާއިތުވި ގާތްގަނޑަކަށް މަހެއްހާ ދުވަހާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ވަނީ ދަށްވެފައެވެ.

Ads by Sosun Fihaara

އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ފައްސިވެފައިވަނީ 432 މީހުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއީ މާލެއިން 249 މީހަކާއި އަތޮޅުތެރެއިން 154 މީހުންނެވެ.

މިއީ އުފާވެރި ޚަބަރެކެވެ. ހަރުކަށި ފިޔަވަޅުތަކާ އެކު ހާލަތު ރަނގަޅުވާނެ ކަމުގެ ހިލަމެކެވެ. އެހެން ނަމަވެސް އަދިވެސް ބިރުވެރިކަން ކުޑައެއް ނުވެއެވެ. މިއަދު މިހާތަނަށް ރާއްޖެއިން 4 އަންހެނަކު ނިޔާވެފައިވެއެވެ. އޭގެ ތެރޭގައި އުމުރުން 28 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ.

ބިރުވެރިކަން އިންތިހާއަށް އޮތް އިރުގައި ވެސް މަގުމަތިން ފެންނަނީ އެ މަންޒަރެއް ނޫނެވެ. ހޭލަމޭލައަށް މީހުންތައް އުޅޭއިރު، ފިޔަވަޅުތައް ހަރުކައްޓެކޭ ބުނެވޭކަށް ނެތެވެ. ފެންނަ މަންޒަރުތަކުންނެވެ. ކޮންމެ މީހެއް އަތުގައި ވެސް ކޮންމެވެސް ކަހަލަ ފާހެއް އޮވެއެވެ. ކޮންމެވެސް ހުއްދައެއް އޮވެއެވެ.

މިހެން މިކަން ވާނަމަ ފިޔަވަޅުތަކުގެ ހަގީގީ ބޭނުމެއް ނުފެނެއެވެ. މެންދުރުގެ ހޫނުގަދަ ވަގުތުގައި ވެސް މަޖީދީމަގު އޮންނަނީ ތޮއްޖެހިފައެވެ. ހިތަށް އަރައެވެ. މި އެންމެންނަކީ ވެސް ހަމަ “ޒަރޫރީ” ކަންކަމުގައި ބޭރުގައި އުޅޭ މީހުން ބާވައެވެ.

ރާއްޖޭން ކޮވިޑް ޖެހިގެން 182 މީހަކު މިހާރު ދުނިޔެ ދޫކޮށްފިއެވެ.މިކަމުގައި އެތައް ބައެއްގެ އިހުމާލު އެބައޮތެވެ. ސަރުކާރާއި ރައްޔިތުންނެވެ. ވެރީންގެ ކަންތައް ރަނގަޅު ކުރާނީ ވެރީންނެވެ. އިހުމާލެއް އޮތް އިރު ވެސް އެ ވެރީން ވިދާޅުވަނީ އަދިވެސް އިހުމާލެއް އޮތްތޯ ބަލާނެ ކަމުގައެވެ. ނަމަވެސް ރައްޔިތުން ވެރީންނާ އެއް ލަވައެއް ނުކިޔަމާ ހިނގާށެވެ. ފަރުދީ ޒިންމާ އަދާކޮށް މި ބަލިމަޑުކަމުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ.

ތެދެކެވެ. ނަންބަރުތައް ވަރަށް ދަށަށް އިއްޔެ ގޮސްފިއެވެ. ނަމަވެސް އޭގެ މާނައަކީ ބިރުވެރިކަން ކުޑަވީއެކޭ ނޫނެވެ. ވޭދަނަތައް ކިރިޔާ މަދުވާއިރަށް ފަރުވާ ކުޑަކޮށް ނުލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!