ކުޅިވަރުގެ ޚިދުމަތްތެރިޔާ މާދިހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މާހިދު ނިޔާވިއިރު އޭނާގެ އުމުރަކީ 52 އަހަރެއެވެ. އޭނާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
"ދެން" އަށް މަޢުލޫމާތު ދެމުން އާއިލާގެ ބޭފުޅަކު ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ހޮޑުލެވި، ހޭނެތުމުން ކަމަށެވެ. އަދި އޭނާ ކޮވިޑް-19އަށް ޓެސްޓް ކުރަމުން އަންނަ ކަމަށް އާއިލާގެ ފަރާތުން ވިދާޅުވިއެވެ.
މާދިހުއަކީ ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު 14 ވަނަ ދުވަހު ކޮވިޑް އާލާސްކަންފުޅުގައި މާދިހުގެ ބައްޕާފުޅު އިސްމާއީލް ޒަކަރިއްޔާ ވަނީ އަވަހާރަވެފައެވެ. މާދިހުއަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. އެގޮތުން ކުރިކެޓަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމާއި އެކި މުބާރާތްތަކުގައި ދިވެހި ޓީމުގެ ކޮންޓިންޖެންޓްގައި ހިމެނި ގައުމީ ޓީމުތަކަށް ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ.