އެމްޑީޕީއަށް 2019 ގައި ލިބުނު ކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް: ރައީސް ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިފައި ވަނީ ވަރަށް ގިނަބައެއްގެ މަސައްކަތުން ކަމަށާއި އެކަމުގައި އެންމެ ގިނަ މަސައްކަތް ކުރެއްވީ ރައީސް ނަޝީދުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ނަޝީދާ ދެކޮޅަށް ސަރުކާރުން އަންގައިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެ މެންބަރުން އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ރައީސް ނަޝީދުގެ ފޮޓޯ ޖައްސަވައިގެން ކަމަށް ވިދާޅުވެ ބައެއް މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅޭގޮތުން، މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އެމްޑީޕީއަށް ލިބުނީ ގިނަ ބައެއްގެ މަސައްކަތް އޭގައި ހިމެނިގެން ކަމަށެވެ.
މީހެ އިތުރުން އެވަރުގެ ބައިވެރިވުމެއް ނުލިބުނު ނަމަ އެފަދަ ބޮޑު ކާމިޔާބެއް ލިބިދާނެކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި 2008އިން ފެށިގެން 2019އާ ހަމަައަށް އައި ހުރިހާ އިންތިހާބެއްގެ ނަތީޖާތަކަށް ބެއްލެވުމަށް ރައީސް ވިދާޅުވިއެވެ. އަދި އޭރު ލިބިފައި ހުރި އަދަދާއި 2019ގައި ލިބުނު ކާމިޔާބީގައި ވަރަށް ގިނަ ބައެއް މަސައްކަތް އޮތް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ އެކި ވާހަކަތައް ދައްކައިގެން ސިޔާސީ ހަލަބޮލިކަމެއް ގެންނަން ވީ ވަގުތެއް ނޫނެވެ. މިއީ ރާއްޖެ ވެއްޓިފައިވާ ބިރުވެރި އަނދަވަޅުން އަރައިގަތުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.