ކާރްތިކްގެ "ބޫލް ބުލައްޔާ 2" ރިލީޒް ކުރާނީ ސިނަމާގައި

ކާރްތިކް އާރޔަންގެ ފިލްމް "ބޫލް ބުލައްޔާ 2" ރިލީޒް ކުރާނީ ސިނަމާގައި ކަމަށާއި ފިލްމްގެ މަސައްކަތް ނުފެށި ލަސް ވަނީ އިންޑިޔާގެ ކޮވިޑްގެ ހާލަތުގެ ސަބަބުންކަމަށް ފިލްމްގެ ޑައިރެކްޓަރު މުރާދު ކެތާނީ ބުނެފިއެވެ.
ފިލްމް ބޫލް ބުލައްޔާގެ ޝޫޓިން ނުފެށި ލަސްވަނީ ކޮވިޑް 19ގެ ސަބަބުން އިންޑިޔާގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި އިންޑިޔާގެ ކޮވިޑް އެލަރޓް ލެވެލް 2 އަކަށް ބަދަލުވިހާ އަވަހަކަށް ފިލްމްގެ ޝޫޓިން ފަށާނެކަމަށް ފިލްމްގެ ޑައިރެކްޓަރ މުރާދު ކެތާނީ ބުންޏެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަސައްކަތް ފެށުމަށް ހަމަޖެއްސި ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ޝޫޓިން ނުފެށި ވަނިކޮށް ކޮވިޑް19ގެ ޕެންޑަމިކްގެ ސަބަބުން ދެވަނަ ފަހަރަށް ވެސް ފިލްމްގެ މަސައްކަތް ޖެހުނީ މަޑު ޖައްސައިލާށެވެ. ކުރިން ރާވައިފައި އޮތް ގޮތުން ނަމަ 2020ވަނަ އަހަރުގެ ޖުލައި މަހު ފިލްމް އަޅުވާނެއެވެ. އެހެން ނަމަވެސް ފިލްމްގެ މަސައްކަތްތައް މަޑު ޖެހުމުގެ ސަބަބުން މިހާރު އުއްމީދު ކުރަނީ މިއަހަރުގެ ނޮވެމްބަރު މަހު ފިލްމު އެޅުވޭވަރު ވުމަށްކަމަށް ކާރތިކް ވެސް ވަނީ ބުނެފައެވެ.
ކާރތިކްގެ އިތުރުން މިފިލްމްގައި ދެން އުޅޭނީ ކިޔާރާ އަދްވާނީ، ޓަބޫ އަދި ރާޖްޕަލް ޔާދަވްކަމަށް ރިޕޯޓްތައް ބުނެއެވެ.
2007 ވަނަ އަހަރު ނެރުނު ފިލްމް ބޫލް ބުލައްޔާގެ ސީކުއެލްއެއްގެ ގޮތުގައި ނެރޭ ބޫލް ބުލައްޔާ2 އަކަށް ގިނަ ބަޔަކު މިހާރު ވެސް ދަނީ އިންތިޒާރު ކުރަމުންނެވެ. ބޫލް ބުލައްޔާއަކީ ބިރުވެރި ކޮމިޑީއެކެވެ. އެފިލްމްގައި ހަރަކާތްތެރިވެފައި ވަނީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއެވެ.