ދުނިޔެ

12 އަހަރުން ދަށުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ޓެސްޓު ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބާރަ އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް-19އިން ރައްކާތެރިވާން ފައިޒާ ވެކްސިން ދިނުމަށް ޓެސްޓުކުރަން އެ ވެކްސިން އުފައްދާ ކުންފުނި ފައިޒާއިން ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

އެ ކުންފުނިން ބުނީ 12 އަހަރުން ދަށުގެ ކުދިންނަށް ޓެސްޓިން މަރުހަލާގައި ދޭނީ ވެކްސިނުގެ ދަށް ޑޯޒެއް ކަމަށެވެ.

ޓެސްޓިން މަރުހަލާ އެމެރިކާ، ފިންލެންޑް، ޕޮލެންޑް އަދި ސްޕޭންގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެގައުމުތަކުގެ 90 ކުލިނިކަކުން 4500 ކުދިންނަށް ވެކްސިން ޖަހާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ބަޔޯ ޓެކާ ގުޅިގެން ފައިޒާއިން އުފައްދައިފައިވާ ފައިޒާ ވެކްސިން ހާއްސަ ހާލަތްތަކުގައި ބާރަ އަހަރުން މަތީގެ ކުދިންގެ ގަޔަށް ޖެހުމުގެ ހުއްދަ، އެމެރިކާ އަދި ކެނެޑާއާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި މިހާރު ވެސް ވަނީ ދީފައެވެ.

ފައިޒާ ކުންފުނިން ބުނާ ގޮތުގައި އުމުރުން 11 އަހަރާ 5 އަހަރުގެ ކުދިންނަށް ޖަހާ ޓެސްޓިން ވެކްސިނުގެ ނަތީޖާތައް ސެޕްޓެމްބަރު މަހު ލިބޭނެއެވެ. އެއަށް ފަހު ނަތީޖާތަކަށް ބަލައި ހާއްސަ ހާލަތްތަކުގައި އެ އުމުރުގެ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ، ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދެވޭވަރު ވާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އުމުރުން 6 މަހާއި 2 އަހަރާ ދެމެދުގެ ކުދިންނަށް، ވެކްސިން ޓެސްޓު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެންބަރު ހިސާބުގައި ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!