ދުނިޔެ

5 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ހުއްދަ ދެނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އުމުރުން 11އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ހުއްދަ ދޭން އެމެރިކާއިން ނިންމައިފައިވާ ކަމަށާއި އެކަން އޮކްޓޯބަރު މަހުގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ރިޕޯޓްކޮށްފިއެވެ.

Ads by WAMCO

ކަމުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައި ވަނީ، ކްލިނިކަލް ޑޭޓާތަކަށް ރިއާޔަތްކޮށް އެމެޖެންސީގައި 11އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވިގެންދާނެ ކަމަށަށެވެ. ޖަރުމަނުގެ ބައޯއެންޓެކްއާ ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމުގެ ހުއްދަ މިހާރު އޮވެއެވެ. ރާއްޖޭގައި ވެސް އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންނަށް ޖަހަމުން އަންނަނީ ފައިޒާ ވެކްސިންނެވެ.

މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރޮއިޓަރސްއިން އިތުރަށް ބުނެފައި ވަނީ ޓްރައިލްތަކުގެ ނަތީޖާތައް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޖެންސީއާ ހިއްސާ ކުރާތާ ތިން ހަފްތާގެ ތެރޭގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދެވިގެންދާނެ ކަމަށެވެ.

ފައިޒާއިން މީގެ ކުރިން ވެސް ވަނީ 5އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުން ރައްކާތެރިތޯ ބެލުމަށް ހަދަމުން އަންނަ ޓްރައިލްގެ ނަތީޖާ މިމަހުގެ ފަހުކޮޅުގައި ލިބޭނެ ކަމަށް ބުނެފައެެވެ. ފައިޒާގެ އިތުރުން ވެކްސިން އުފައްދާ މޮޑާނާއިން ވެސް މިމަހުގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ހުއްދައަށް އެދުމަށް ވަނީ ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!