މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އޮގަސްޓު މަހާ ހަމައަަށް ބޭނުން ކުރެވޭނެ

މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް އޮގަސްޓު މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ނިންމުމަކީ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްވެ އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ، އަދި ސަރުކާރުން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ޚިދުމަތް ހޯދުމުގައި ދަތިކަމެއް މެދުވެރިވެދާނެ ކަމަށް ފެންނާތީ ނިންމި ނިންމުމެއް ކަމަށެވެ.
އެހެންކަމުން ކާޑުގެ މުއްދަތު ހަމަވެ ކާޑު އައުކުރަން ޖެހިފައިވާ އެންމެންްގެ ކާޑުގެ މުއްދަތު މި އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހުރިހައި މުއައްސަސާއަކުން ވެސް މި ގޮތަށް އަމަލު ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ކާޑުގެ މުއްދަތު އިތުރު ކުރި ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް އޮންލައިންކޮށް ކާޑު ހެދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.