ފިޔަވަޅުތަކާ ޚިލާފުވެގެން 1،000އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި

ކޮވިޑް-19އަށް އަޅައިފައިވާ ގަވައިދުތަކާ ޚިލާފުވުމުގެ ސަބަބުން 1،000އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފިއެވެ.
އެޗްއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލުމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ގަވައިދުތަކާ ހިލާފުވެގެން 1018 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 253 މީހަކު މާސްކު ނާޅާ އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާއިރު، ކާފިއު ވަގުތުގައި ހުއްދަނެތި ބޭރުގައި އުޅުމުގެ ސަބަބުން 615 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 150 މީހަކު ވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، އެޗްޕީއޭއިން އަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ފިހާރަތަކާއި، ކެފޭތަކާއި ޖިމްތައް އަމަލު ކުރަމުންދޭތޯ ބެލުމަށް ކުރެވުނު ފުޅާ އިންސްޕެކްޝަންގެ ތެރެއިން ޖުމްލަ 81 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 80 ތަނެއް އުސޫލުތަކާ އެއްގޮތަށް ހިންގަމުން ދިޔައިރު، އުސޫލުތަކާ ހިލާފުވި އެއް ފިހާރައަކަށް ނަސޭހަތްތެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.