ލުއި ޚަބަރު

ފުލުހުންނަށް ހިލޭ , ބަރގާ ނުދިން ރެސްޓޯރަންޓެއްގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕާކިސްތާނުގެ ފާސްޓް ފުޑް ރެސްޓޯރަންޓަކުން ފުލުހުންނަށް ހިލޭ ބަރގާ ނުދިން މައްސަލައެއްގައި އެ ރެސްޓޯރަންޓުގެ 19 މުވައްޒަފަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

"ޖޯނީ އެންޑް ޖުގްނޫ" ނަމަކަށް ކިޔާ އެ ރެސްޓޯރަންޓުގެ މުވައްޒަފުންތައް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދަމު 1:00ގައި ކަމަށާއި މުޅި އެ ދުވަހު އެއްކޮށް އެ މުވައްޒަފުން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

"މިއީ މިފަދަ ކަމެއް އަހަރުމެންގެ ރެސްޓޯރަންޓުގައި ދިމާވި ފުރަތަމަ ފަހަރެއް ނޫން" އެ ރެސްޓޯރަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކުށަކަށް ނުވާ ކަމެއްގައި ޤަވާއިދާ ހިލާފަށް އެ މުވައްޒަފުން ހައްޔަރު ކުރި ނުވަ ފުލުސް އޮފިސަރުން މިހާރު ވަނީ ސަސްޕެންޑު ކޮށްފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ސީނިއާ ޕްރޮވިންޝަލް ޕޮލިސް އޮފިޝަލް އިނާމް ޣަނީ ޓްވިޓާ މެދުވެރިކޮށް ބުނީ އެއްވެސް މީހަކަށް ޤާނޫނާ ޤަވާއިދުތައް އަމިއްލަ އަތް މައްޗަށް ނުނެގޭނެ ކަމަށާއި ބޭއިންސާފުން ކަންކަން ކުރުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

ޖޯނީ އެންޑް ޖުގްނޫއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ރެސްޓޯރަންޓުގެ މުވައްޒަފުން ހައްޔަރު ކުރި ދުވަހުގެ ދެ ދުވަސް ކުރިން ފުލުހުންގެ ގްރޫޕެއް އެ ރެސްޓޯރަންޓަށް ދިޔަ ކަމަށާއި ހިލޭ ބަރގާ ދޭން ވެސް އެ ފުލުހުން ބުނި ކަމަށެވެ.

"އެމީހުންނަށް ހިލޭ ބަރގާ ދޭން އިންކާރު ކުރުމުން، އެ އޮފިސަރުން ދިޔައީ މެނޭޖަރުންނަށް ބިރު ދައްކާފަ. އެކަމަކު އަނެއްކާ ވެސް އޭގެ އެއް ދުވަސް ފަހުން އެނބުރި އައިސް މެނޭޖަރުންނަށާއި މުވައްޒަފުންނާ ދިމާކުރި. ހިލޭ ބަރގާއަށް އެދުމަކީ އެ ފުލުހުން ވަރަށް ގިނައިން ކުރާ ކަމެއް" އެ ރެސްޓޯރަންޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރެސްޓޯރަންޓުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ހައްޔަރު ކޮށްގެން ގެންދިޔަ މީހުންގެ ތެރޭގައި އެ ރެސްޓޯރަންޓުގެ ކޭޝިއަރުންނާއި ކައްކާއިން ވެސް ހިމެނޭ ކަމަށެވެ. އަދި ހައްޔަރު ކޮށްގެން ގެންދިޔައީ އެވަގުތު އެ ރެސްޓޯރަންޓުގައި ތިބި ކަސްޓަމަރުންގެ ވެސް ކުރިމަތީގައި ކަމަށާއި ބަދިގެ ބަންދު ކުރާނެ ފުރުސަތު ވެސް ނުދިން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕަންޖާބު ރީޖަންގެ ޕޮލިސް ފޯސް އަލުން އެކުލަވާލަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވެސް ވަނީ ކުރިން ވިދާޅުވެފައެވެ. ބޮޑު ވަޒީރު ވިދާޅުވީ ސިޔާސީ އިސްވެރީން ލުހުންގެ ނަމުގައި ފުލުސް އޮފީހަށް ލައިފައި ތިބީ މަކަރުވެރީން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!