ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ: ހައްޔަރު ކުރި އެންމެން ކުރިން އުޅުނީ އެކުގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން އޭގެ ކުރިން ގިނަ ވަގުތު ހޭދަކުރީ އެންމެން އެކުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by STELCO

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ބުނެ ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އެއީ އަދުހަމް އަހްމަދު، މުޖާޒް އަހްމަދު، އަހްމަދު ފާތިހު އަދި ތަހްމީން އަހްމަދެވެ.

މި ހަމަލާއާއި ހަރުކަށި ފިކުރު ފެތުރުމާ ގުޅުމެއްވާ ކަމަށް ބުނެ ފުލުހުންނާ ސިފައިން ވަނީ ޚާއްސާ އޮޕަރޭޝަންތަކެއް ވެސް ހިންގައިފައެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި މީހަކާ ހަމަލާއާ ގުޅުން ހުރިކަން ފުލުހުން ފަހުން ހާމަ ކުރެއްވި ނަމަވެސް އެ މީހާގެ މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން އެކީގައި އުޅުނު ކަމުގެ މައުލޫމާތުތަކެއް ލިބުނީ އޭގެ ތެރެއިން ދެ މީހަކު ހުރި ލޯންޗެއް، ހަމަލާގެ ހަ ދުވަސް ކުރިން ފުލުހުން ހުއްޓުވި ކަމަށް ބުނެ މީސް މީޑިއާގައި އާންމުވި ފޮޓޯއަކަށް ފަހުގައެވެ. އެ ފޮޓޯގައި ފެންނަ ލޯންޗްގައި، ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވާލި ކަމުގެ ތުހުމަތު އޮތް އަދުހަމާއި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާ ކަމަށް ފުލުހުން ބުނާ ތަހުމީން ވެސް ހުއްޓެވެ.

ހައްޔަރު ކޮށްފައިވާ މީހުން އެކަކު އަނެކަކު ނުދަންނަ ކަމަށް ކުރިން ހެދިފައިވީ ނަމަވެސް، އެނގިފައިވާ ގޮތުގައި މި މީހުން ކުރިން އެކި ކަންކަމުގައި އެކި ތަންތަނުން ބައްދަލުކޮށްފައިވާ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވެސް ވަނީ މައުލޫމާތު ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!