ރިޕޯޓް

ވެކްސިންގެ ހަނގުރާމަ: ދެވަނަ ޑޯޒް އަރަތަކަށް؟!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ރަށްތަކަށް އަރައި ފޭބުން މަނާ ކުރެވި ރަށްތައް ވަނީ ތަޅުލެވިފައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަޑު މަޑުން ދަށްވި ނަމަވެސް ބިރުވެރިކަން އަދިވެސް އޮތީއެވެ. މަސްވެރިން އޮޑިދޯނި ބަނދަރުގައި އަޅައިފައި މިއަދު ތިބީ ގޭގައެވެ. ދަނޑުވެރިން ދަނޑުތައް ދޫކޮށް ތިބީ ކޮޓަރިތަކަށް ވަދެއެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ހާލު ވެސް ހަމަ މިފަދައެވެ. ގޭގައި ކާޑު ގަންނާނެ ފައިސާ ކޮޅެއްވެސް ނެތްއިރު، ދައުލަތުން މުސާރަ ލިބޭ މީހުން ނޫނީ ދެން ތިބި ބަޔަކު މިއަދު މިވަނީ ހާލުގައި ޖެހިފައެވެ. ހާލަތު ވަރަށް ގޯހެވެ. އެހެން ނަމަވެސް އުންމީދެއް އެބަ އޮތެވެ. މި އުއްމީދު ގުޅިފައި ވަނީ ކޮވިޑް-19ގެ ދިފާޢާއެވެ. ވެކްސިންތަކާއެވެ. ނަމަވެސް މިއަދު މި އަލިކޮޅު ވެސް ނެތެމުންދާ ފަދައެވެ.

Ads by STELCO

ވެކްސިނަށް ބޮޑު ތަރުހީބެއް!

ކޮވިޑް-19 ވަބާއިން އަރައިނުގަނެވޭނެ ކަމަށް ގިނަ ބަޔަކު މާޔޫސްވެފައި ތިއްބާ އެ މާޔޫސްކަން ފިލުވައިދިނީ އެކެއް ފެބްރުއަރީގައި ރާއްޖޭގައި ފެށި ވެކްސިން ޕްރޮގްރާމެވެ. އެއްވެސް މީހަކު ބާކީ ނުކޮށް، ބިދޭސީންނަށް ހަމަހަމަ ފުރުސަތެއްދީ ރާއްޖޭގައި ފެށި ވެކްސިން ޕްރޮގްރާމްގެ ވާހަކަ ބޭރުގެ މީޑިއާތަކުގެ ސުރުޚީއަށް ވެސް އެރިއެވެ. އުއްމީދަކީ ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރާއްޖެއަށް މި ބަލިން އަރައިގަނެވި އާއްމު ހާލަތަށް ރުޖޫއަވުންކަމަށް ރައީސް ޞާލިޙް މި ޕްރޮގްރާމް ފައްޓަވަމުން ވިދާޅުވިއެވެ. އެއާއެކު ވެކްސިން ޖެހުމަށް ދިވެހިން ކިއޫ ދަމައިލިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައިވެސް ވެކްސިން ޖަހަން ފެށިއެވެ.

ރާއްޖޭގައި ފުރަތަމަ ޖަހަން ފަށައިފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިން، ކޮވިޝީލްޑް ވެކްސިނެވެ. އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި ކުންފުންޏެއް ކަމަށްވާ އަސްޓްރަޒެނަކާ އިން ތައްޔާރުކުރި ފޯމިއުލާއަކަށް އިންޑިއާގެ ވެކްސިން ކާރުޚާނާ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ 10 ދުވަސް ކުރިން ރާއްޖޭގައި މިވެކްސިން ވަނީ ޖަހަން ފަށައިފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުދީ، ފެބްރުއަރީ 1 ވަނަ ދުވަހު ވެކްސިން ދޭން ފެށިއެވެ.

ދެވަނަ ޑޯޒަކަށް ނުބަލާ ވެކްސިން ހުސްކޮށްލި!

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ވަރަށް ފޯރީގައި ދެމުން ދިޔައިރު، މީސްމީޑިއާގައި ވެކްސިންގެ ސިޔާސަތަށް ފާޑު ކިޔައި ބަޔަކު ވަނީ ޝަކުވާތަކެއް ފެންމަތިކޮށްފައެެވެ. މިގޮތުން ވެކްސިންގެ ސްޓޮކް ދެވަނަ ޑޯޒް ޖަހަން ނުބަހައްޓައި ހުސްކޮށްލުމުން ގިނަ ބަޔަކު އޭރު ފާޑު ކިޔެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފައި ވަނީ 2 ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހުގައެވެ. އެއީ މާރިޗް މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހާ ހަމައަށް ޖުމްލަ ވެކްސިން ލިބޭނެ ކަމަށް ދިވެހިންގެ ގަޔަށް ވެކްސިންގެ އެއް ޑޯޒް ޖެހިއިރު، މިއަދު ވެކްސިން ހުސްވެ ދެވަނަ ޑޯޒް ނުޖެހި އެތައް ހާސް ދިވެހިނެއް އެބަތިއްބެވެ. މެއި 17 ގައި އެޗްޕީއޭއިން އާއްމު ކުރި ތަފާސް ހިސާބު ބުނާ ގޮތުން ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި 92،000 މީހުން އެބަތިއްބެއެވެ.

އެޗްއީއޯސީން 17 މެއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޝީލްޑްގެ ވެކްސިންގެ މިހާރު ބާކީ ހުރީ 1،200 ޑޯޒް ކަމަށެވެ. އެކަމަކު ފުރަތަމަ ޑޯޒަށް ފަހު، ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ޖުމުލަ 92،000 މީހުން އެބަތިބި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ މާލޭން 55،000 މީހުންނާއި ރަށްރަށުން 37،000 މީހެކެވެ.

ރާއްޖޭގައި އިންޑިއާއިން ހަދިޔާ ކުރި 200،000 ވެކްސިން ޑޯޒްއާއި ކޮވެކްސްގެ ދަށުން ރާއްޖެއަށް ލިބުނު 12،000 ވެކްސިން ޑޯޒް ހުސްވެ، ރާއްޖެއިން އިންޑިއާގެ ސިރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން 300،00 ޑޯޒް ވެކްސިން ގެންނަން ނިންމިއެވެ. އެއްބަސްވުމުގެ ދަށުން 300،000 ޑޯޒަށް ފައިސާ ދައްކައި އޭގެ ތެރެއިން 100،000 ޑޯޒް ލިބިފައިވީ ނަމަވެސް ބާކީ ހުރި 200،000 ޑޯޒް ވީތަނެއް ނޭނގެއެވެ. ބަލިމަޑުކަމުގެ ސަބަބުން ހާލަތު ގޯސްވެގެން ވެކްސިން އުފެއްދުމާއި ވެކްސިން ފޯރުކޮށް ދިނުމުގައި މުޅި ދުނިޔޭގައި ވެސް ދަތިކަން ކުރިމަތިވެ، އިންޑިއާއިން ވެކްސިން ބޭރު ކުރުން ހުއްޓައިލީއެވެ. މީގެ އިތުރުން 31 ޑިސެންބަރު 2020 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކާއެކު ހެދި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ގަނެފައިވާ 700،00 ޑޯޒް ވެކްސިން ލިބޭނެ ކަމަށް ބުނާ އެތައް ތާރީޚެއް ފަހަނަ އަޅައި ހިނގައްޖެއެވެ. މިހާރު ބުނަނީ މި ވެކްސިންތައް ޖުލައި މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށެވެ.

ކޮވިޑް ވެކްސިން ދެ ޑޯޒް ދޭތެރޭގެ މުއްދަތާ މެދު ދެބަސްވުން

ކޮވިޝީލްޑް ވެކްސިން އުފައްދާ ޤައުމު ކަމަށްވާ އަވައްޓެރި އިންޑިއާގައި ދެޑޯޒްގެ ދެމެދު ހޭދަކުރާ މުއްދަތު އިތުރު ކުރުމުން ސަރުކާރާއި ސިއްހީ މާހިރުންނާ ދެމެދު ބޮޑު ދެބަސްވުމަކަށް ވަނީ އައިސްފައެވެ. މިގޮތުން އިންޑިއާގައި މީގެ ކުރިން ކޮވިޝީލްޑް ވެކްސިން ޖަހަމުން އައީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ހަ ހަފުތާ އާއި އަށް ހަފުތާއާ ދެމެދުގައެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، އިންޑިޔާގެ ހެލްތު މިނިސްޓްރީން ވަނީ، ދެ ވަނަ ޑޯޒް ޖަހާ މުއްދަތު 12 ހަފުތާ އާއި 16 ހަފުތާއާ ދެމެދުގެ މުއްދަތަކަށް އިތުރު ކޮށްފައެވެ.

އިންޑިއާގެ ސަރުކާރުން ބުނެފައި ވަނީ މިގޮތަށް ނިންމައިފައި ވަނީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރަށް ލަފާ ދޭ، ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ލަފާގެ މަތިން ކަމަށެވެ. އެހެން ނަމަވެސް މި ގްރޫޕްގެ ބައެއް ފަރާތްތަކުން "ރޮއިޓާސް"އަށް ބުނެފައިވާ ގޮތުގައި ގޮތުގައި ސަރުކާރުން އެ ގޮތަށް ނިންމީ މަޝްވަރާ ކުރުމެއް ނެތިއެވެ. އަދި އަދި އެގޮތަށް ލަފައެއް ދެވޭ ވަރުގެ ސައެންޓިފިކް މައުލޫމާތެއް ލިބިފައި ވެސް ނެތް ކަމަށް އެ މެމްބަރުންނާ ހަވާލާދީ އެ ނޫހުން ބުނެއެވެ.

އިންޑިއާގައި ދެ ވެކްސިން ދެމެދުގައި ހޭދަ ކުރާ މުއްދަތު 16 ހަފްތާއަށް އިތުރު ކުރަން ނިންމުމުން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ރާއްޖޭގައި ދެ ވެކްސިން ދެމެދު 6 މަސް (26 ހަފްތާ) ހޭދަ ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން 8 ޖޫންގައި ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ވެކްސިން ލިބުމުގައި ހުރި ދަތިތަކާ ހެދި މިހާތަނަށް ހަދާފައިވާ ދިރާސާތަކަށް ބަލައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ އެ ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ދުވަހަށް ފަސްކުރުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ލަފައެއް އާންމުކޮށްފައި ކަމަށެވެ. އަދި އޭގައި ވަނީ ދެވަނަ ޑޯޒް ހަ މަސް ދުވަހުގެ ތެރޭގައި ޖެހިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑަބްލިއު.އެޗް.އޯ އިން އާއްމު ކުރި ކަރުދާހުގައި، 8 ހަފްތާއާއި 12 ހަފްތާ ފަހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ނަމަ އަލުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެތޯ ކުރި ސުވާލުގެ ޖަވާބުގައި ބުނެފައި ވަނީ، ޝާއިއު ނުކުރެވި ހުރި ބައެއް ޑޭޓާ ތަކުން ދައްކާ ގޮތުގައި، ފުރަތަމަ ޑޯޒް ޖެހިތާ 6 މަސް ތެރޭ ވެކްސިން ޖެހުމުން ވެކްސިންގެ ބާރު ހުންނަ ކަމަށެވެ. އަދި ވެކްސިންގައި ހުންނަ ސްޕައިކް ޕްރޮޓީން ނެތި ދަނީ 6 މަސް ފަހުން ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް ޑަބްލިއު.އެޗް.އޯއިން އެދެނީ ވެސް ވެކްސިންގެ ދެވަނަ ޑޯޒް 12 ހަފްތާގެ ކުރިން ޖެހުމަށެވެ.

އަދި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން އަށް ހަފުތާ ވި މީހުން ވީ އެންމެ އަވަހަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް ޑަބްލިއު.އެޗްއޯއިން އެދެއެވެ. ވެކްސިން ޖެހުން ލަސްވާ ނަމަ ހަށިގަނޑުގެ ދިފާއުގެ މިންވަރު ދަށަށް ދާނެ ކަމަށް ވެސް އެ ފަރާތުން ހާމަކުރެއެވެ.

Ads by Ooredoo
  1. ހުދުހުދު

    މިކަމުންވެސް ކަންކަން މެނޭޖު ކުރަން ނޭނގޭ ކަން ސާބިތު. ދެންވެސް އިސްތިއުފާ ދީފަ ގައުމުގަ ކަން ކުރެވޭ މީހުންނާ ހަވާލުކޮށްބަލަ.ގުއިރީފަ ދޮންނަން ނޭނގުނު.

    • ިގަމު މީހާ

      މެނޭޖު ކުރަން އެގުނު ސަރުކާރަކީ ކޮބާތަ..
      ކޮންމެ ބަޔަކުވެސް ވެރިކަން ލިބުނީމަ ދައުރު ނިމޭދެން ބަޖެޓްގެ އެއްފަޅިން ކާން ތިބެނީ..