ދީން

ނަހީ ކުރައްވާފައިވާ ކަންކަން ކުރަމުންދާއިރު އެމީހުން ހެޔޮ މަގަށް އަޅުވަން ޖެހޭނެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކުރައްވާފައި ވަނީ ހެޔޮ ކަންކަމަށް އަމުރު ކުރުމާއި މުންކަރާތް ނަހީކުރެއްވުމުގެ މައްޗަށެވެ.

Ads by Sosun Fihaara

އެގޮތުން މިއަދުގެ ޚުތުބާގައި އެންމެ ފުރަތަމަ ވެސް ހަނދުމަ ކޮށްދެއްވާފައި ވަނީ އިންސާނާ އުފެދުނީއްސުރެ ޝައިތާނާއަކީ އެ އިންސާނެއްގެ ދުޝްމަނެއް ކަމަށާއި ނުރައްކާތެރި ހަތުރެއް ކަމަށެވެ. އަދި ޝައިތާނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން މާތް ﷲ ގެ ރަޙްމަތުން އޭނާ ދުރުކުރެވުނު ދުވަހުން ފެށިގެން، މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތް އޭނާ ކުރަމުން ދާކަން ވެސް ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ.

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އެކަލޭގެ ދެންނެވިއެވެ. އިބަ ރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބައި ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން އެއުރެން އިބަރަސްކާލާނގެ ތެދުމަގަށް ވާސިލުވުމަށް ހުރަސްއަޅައި ހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސް ދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަ މީހުންނަކީ ޝުކުރު ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."

މި އުންމަތުގެ ބަޔަކު، ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި، ﷲ ތައާލާ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުން ދާއިރު، އެއުރެން ހެޔޮމަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން މަނާ ކުރުން ދީނުގައި މުހިންމު ވަނީ މި ހިކުމަތަށް ޓަކައިކަން ވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

މާތް ﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެކެވެ. ދީނުގެ ޝީޢާރުތަކަށް މަލާމާތްކޮށް، ފުރައްސާރަ ކުރުމަކީ މުންކަރާތެކެވެ. އަމަން އަމާންކަން ނަގައިލުމަކީ މުންކަރާތެކެވެ. ޙައްޤަކާ ނުލައި މީހުންގެ މުދަލަށާއި ފުރާނައަށާއި އަބުރަށް އަރައިގަތުމަކީ މުންކަރާތެކެވެ.

މީގެ އިތުރުން ޚުތުބާގައި ވިދާޅުވެފައި ވަނީ ނުބައި އެންމެހާ ކަންކަން މަނާ ކުރުމަކީ އިސްލާމްދީނުގައި ކުރަން އަންގަވައިފައިވާ ކަމެއް ކަމަށެވެ. މި އުންމަތަކީ އެންމެ ހެޔޮ އުންމަތް ކަމުގައި ވެފައި ވަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި، ނުބައި ކަންކަން ނަހީކުރާ ބަޔަކަށް ވީތީކަން ވެސް ޚުތުބާގައި ހަނދުމަ ކޮށްދެއްވައިފައިވެއެވެ.

"މީސްތަކުންނަށް ލެއްވި އެންމެ ހެޔޮ އުންމަތް ކަމުގައި، ތިޔަބައިމީހުން ވީމުއެވެ. އެހެނީ ތިޔަބައިމީހުން ހެޔޮ ކަންތަކަށް އަމުރު ކުރަމުއެވެ. އަދި ނުބައި ކަންތައް ނަހީ ކުރަމުއެވެ. އަދި، ތިޔަބައި މީހުން ﷲ އަށް އީމާންވަމުއެވެ." މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

މީގެ އިތުރުން މިއަދުގެ ޚުތުބާގައި ވިދާޅުވެފައި ވަނީ ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމަކީ ކުށްފާފަތަކުން މީހާ ޠާހިރު ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމުގެ ނަހީ ކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ އަމާންކަން، ނާމާންކަމަށް ބަދަލުވާ ކަމެއް ކަމުގައި ވެސް ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ. އެއީ މާތް ﷲގެ ކޯފާ ޙައްޤުވާ ކަމެއް ކަމަށާއި އަޅުގަނޑުމެން އެކަލާނގެ ޙަޟްރަތަށް ދަންނަވާ ދުޢާ އިޖާބަވުމަށް ހުރަސް އެޅޭ ކަމެއް ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!