ޚަބަރު

މިނިސްޓަރު މާރިޔާ 241 ކޮމިޓީއަށް ހާޒިރުކޮށްފި

ރައުފާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކޮށްފިއެވެ.

މަޖިލިސް އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާ ސުވާލު ކުރެއްވުމަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންކުއަރީ ހަދަމުންދާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދައުލަތުގެ ވަޒީރުންނާއި ވަކިވަކި ފުލުހުންނާއި ސިފައިން ވެސް ދަނީ ހާޒިރުކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުގެ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިން ވެސް މިހާރު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ވެސް ހާޒިރުކޮށްފައިވެއެވެ.

މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވައިލި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރައްވައިފައެވެ.

ރައީސް ނަޝީދަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވައިލި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!