ޚަބަރު

ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތް، ދީންވެރިކަމާ ނުލައި ލަދުވެތިކަމެއް ނެތް: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

الله ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ގުނައި އަދަދު ވެސް ނުކުރެވޭނެހާ ގިނަ ނިއުމަތްތައް ލައްވަވައިފައެވެ. އޭގެ ތެރެއިން އިންސާނާއަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިއުމަތަކީ ބުއްދިއެވެ. އެއީ ވިސްނާ ފިކުރު ކުރާ ބަޔަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވައިލައިފައިވާ މައުޟޫއުއަކީ “ބުއްދީގެ ނިއުމަތް” މިއެވެ.

Ads by Sosun Fihaara

ބުއްދިއަކީ ރިޒުޤު ދެއްވާފަދައިން އެކި ވަރުވަރަށް އެކި އިންސާނުންނަށް  ދެއްވާ މަތިވެރި ނިޢުމަތެެއް ކަަމަށާއި ބުއްދީގެ ނިޢުމަތަކީ އިންސާނާއަށް  ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތްކަމުގައި ހުތުބާގައި ބުނެފައިވެއެވެ.އަދި ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެން ވާ ކަމަށާއި ބުއްދިވެރިކަމެއް ނެތް މީހާއާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާމީހާގެ އެތައް ކަމެއް އުނިވެގެން ދާ ކަމުގައި ވެސް ހުތުބާގައި ބުނެފައިވެއެވެ.

“ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިއެވެބުއްދިއަކީ، ވޮޑިގެންވާ ކަމުގެ ވަރަށް މަތިވެރި ދަލީލެކެވެ. ފާޅުވެގެންވާ ޙުއްޖަތެކެވެ. ބުއްދީގެ ނިޢުމަތާ މެދު، ވިސްނައި ފިކުރު ކުރުމަށް މާތް އިންސާނިއްޔަތަށް ގޮވައިލައްވައިފައި ވެއެވެ. އެއީ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމުގައި ވީތީއެވެ.”ހުތުބާގައި އިތުރަށް ވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައި ވަނީ އިންސާނުން އެކި ރޮނގުތަކުން ކުރިއަރައި ގޮސް، މީގެ ކުރީން ދެކިފައި ނުވާ ޢިލްމީ ޢާލަމެއް އިންސާނުން ދެކެމުން މިދަނީ ބުއްދީގެ އަލީގައިކަން ކަށަވަރު ކަމަށެވެ. އަދުގެ ދުނިޔެ ދެކެމުން މިދާ އަޖައިބުން ފުރިގެންވާ ޢިލްމީ ވަސީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދި ކަމަށެވެ.

ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތް ކަމަށާއި ދީންވެރި ކަމާނުލައި ލަދުވެތިކަމެއް ނެތް ކަމަށް ހުތުބާގައި ބުނެފައިވެއެވެެ. މިއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެއް ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދިއަކީ، އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް ވެސް ބުނެފައިވެއެވެ.

ޤުރްއާނުގެ އެތައް އާޔަތްތަކެއްގައްޔާއި މާތް ނަބިއްޔާ ގެ ސުންނަތުގައި ބުއްދީގެ މުހިއްމުކަން ބަޔާން ކުރައްވައި، ހެޔޮ ގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް ތަޢުރީފު ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

“ﷲ ތަޢާލާ އެކަލާނގެ ނަބީންނާއި، ރަސޫލުންނަށް ދެއްވި ބައެއް މުޢުޖިޒާތަކީ މި މާއްދީ ދުނިޔޭގައި ލައްވާފައިވާ ޤުދުރަތީ އާދަ ފޫވައްޓައިލައިފަނިވި ކަންކަމެވެ. އެފަދަ އެއްވެސް ކަމެއްގެ ތެދު ދޮގު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން ކަށަވަރެއް ނުކުރެވޭނެއެވެ. ހަމަ އެއާއެކު ޝަރީޢަތުގެ ބައެއް ޙުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެ ކަންކަމެއް ނޫނެވެ. މިގޮތުން ކީރިތި ޤުރްއާނާއި ރަސޫލު ގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ބުއްދިއަށް ނުވިސްނުނު ނަމަވެސް އެގޮތަށް ޤަބޫލުކޮށް، ޢަމަލުކުރަން ޖެހޭ ކަންކަމެވެ.” ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!