ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަހަރުގެ މެދަކާ ހަމައަށް އައިއިރު ބައިމިލިއަނެއްހައި ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މި ކަމާ ގުޅޭ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރަށް ބައިމިލިއަން ޓޫރިސްޓުން ރާއްޖެ އައުމާ ގުޅިގެން، ލާމަސީލު ދިވެހިރައްޔިތުންނަށާއި އިންޑަސްޓްރީގެ ޕާޓުނަރުންނަށާއި ހާއްސަކޮން އިންޑަސްޓުރީ މުވައްޒަފުންނަށް އަދި ހެލްތު ޓީމުތަކާއި ވޮލެންޓިއަރުންނަށް މަރުހަބާ އަދި އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރީންނަށް ވެސް މިނިސްޓަރ މައުސޫމް ވަނީ ޝުކުރު ދަންނަވައިފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު މިހާތަނަށް 555،494 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި މިމަހުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 46،023 ފަތުރުވެރިންނެވެ.

މިމަހު އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު 2519 ފަތުރުވެރިން ވަނީ އައިސްފައެވެ.

ކޯވިޑްގެ ނަންބަރުތައް ރާއްޖޭގައި މިފަހުން އިތުރުވާން ފެށުމާ އެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ޖުލައިމަހުގެ ތެރޭގައި އަނެއްކާ ވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!