ޚަބަރު

13% ދަށްވުމެއް، އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިން

ރައުފާ ރަޝީދު ، ދެން އޮންލައިން

 

Ads by Sosun Fihaara

ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށް އަރައިފިއެވެ.

މިދިޔަ މަހު ރާއްޖެ އައިސްފައި ވަނީ ޖުމްލަ 56،166 ފަތުރުވެރިންނެވެ. ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެވަރެޖްކޮށް 1872 ފަތުރުވެރިން މިދިޔަ މަހު އައިސްފައިވާކަމަށެވެ. އަދި ގިނަވެގެން 2607 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިމަހު އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު 2519 ފަތުރުވެރިން ވަނީ އައިސްފައެވެ. މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެ އައިސްފައި ވަނީ ޖުމްލަ 64،613 ފަތުރުވެރިންނެވެ. އެހެންކަމުން މި މަހުގެ އަދަދަށް ބަލާއިރު މިއީ 13% ދަށްވުމެކެވެ.

ޖޫން މަހު އެންމެ ގިނައިން ރާއްޖެ އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 18،727 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ސައުދީ އަރަބިއާއިންނެވެ. އެ ގައުމުން 6،309 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިނގިރޭސިވިލާތުން 3،843 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ކޯވިޑްގެ ނަންބަރުތައް ރާއްޖޭގައި އިތުރުވާން ފެށުމާ އެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓައިލުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ޖުލައިމަހުގެ ތެރޭގައި އަނެއްކާ ވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!