ދިލިޕް ކުމާރު މަރުވުން: މުޅި ބޮލީވުޑް ރޮއްވައިލައިފި

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރ ދިލިޕް ކުމާރު މަރުވެއްޖެއެވެ.
އުމުރުން 98 އަހަރުގައި ދިލިޕް ކުމާރު މަރުވެފައި ވަނީ ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.
ބޮލީވުޑްގެ އެންމެ ގިނަ ދުވަސްވީ އެއް އެކްޓަރ ދިލިޕް ކުމާރު ވަނީ އޭނާގެ ކާމިޔާބު ކެރިއަރުގައި 65 ފިލްމު ކުޅެފައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ނޭވާލާން އުނދަގޫވެގެންނެވެ.

ދިލިޕް ކުމާރާއި އަންހެނުން ސާއިރާ
އިންޑިޔާގެ ރަސްމީ އިއްޒަތުގައި މިއަދު އިންޑިޔާ ގަޑިން 5 ޖެހިއިރު ދިލިޕް ކުމާރުގެ ޖަނާޒާ ވަނީ ބާއްވައިފައެވެ. މި ޖަނާޒާގައި ގިނަ އަދަދެއްގެ ބޮލީވުޑްގެ ފަންނާނުން ވަނީ ބައިވެރިވެފައެވެ. މިގޮތުން ޝާހްރުކް ޚާނާއި ރަންބީރު ކަޕޫރު ފަދަ ތަރިން ވަނީ މި ޖަނާޒާގައި ބައިވެރިވެފައެވެ.
ޖަނާޒާގައި ބައިވެރި ނުވެވުނު ނަމަވެސް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ދިލިޕް ކުމާރުގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ. އަދި ލެޖެންޑަރީ އެކްޓަރ އަމީތާބް ބައްޗަން ވެސް ވަނީ އާއިލާއަށް ތަައުޒިޔާ ފޮނުވައިފައެވެ.
ދިލިޕް ކުމާރު މަރުވިއިރު އޭނާގެ އަނތްބެއް ދުނިޔޭގައި އެބައިނެވެ.
1944 ވަނަ އަހަރު "ވާރު ބަތާ" އިން ބޮލީވުޑަށް ތައާރަފްވި ދިލިޕް ކުމާރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގަައި 1949 ވަނަ އަހަރު ނެރުނު ފިލްމް "އަންދާޒް" ހިމެނެއެވެ.