ދުނިޔެ

ވެކްސިން ފުރިހަމަ ކުރި ފަރާތްތަކަށް ލަންކާ ހުޅުވައިލައިފި، ކަރަންޓީން ވާކަށް ނުޖެހޭ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭ ގޮތަށް ސްރީލަންކާއިން އަމަލު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ސްރީލަންކާގެ ހެލްތް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެއާޕޯޓުން ކޮވިޑް-19އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި ބޭރު ޤައުމުތަކުން ސްރީލަންކާއަށް އަންނަ އެ ޤައުމުން ބޭރު މީހުން، އައުމުގެ ކުރިން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީވާން ޖެހޭނެ ކަަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. ސްރީލަންކާގެ ރައްޔިތުންނަށް މިގޮތަށް ހުއްދަ ހޯދުމަކާ ނުލާ ދަތުރު ކުރުމުގެ ލުއި ވެސް ވަނީ ދީފައެވެ.

ހެލްތުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ލަންކާއަށް ދަތުރު ކުރުމުގެ ކުރިން 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރ ޓެސްޓެއް ބޭނުންވާނެ ކަމަށާއި އަދި އެއާޕޯޓުން ވެކްސިން ކާޑް ޗެކް ކުރާނެ ކަމަށެވެ. ހަމައެހެންމެ އެއާޕޯޓުގައި ކޮވިޑް-19އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށާއި މި ޓެސްޓް ކުރަންދެން ސަރުކާރުގެ ކަރަންޓީން ފެސިލިޓީއެއްގައި ނުވަތަ ރައްކާތެރިކަމަށް ސަރުކާރުން ކަނޑައަޅައިފައިވާ ހޮޓަލެއްގައި މަޑު ކުރަން ޖެހޭނެ ކަމަށެވެ. މިގޮތަށް މަޑު ކުރަން ޖެހޭނީ ގިނަ ވެގެން އެއް ދުވަހު ކަމަށާއި ޓެސްޓް ނަތީޖާ ލިބުމުން ދޫކޮށްލާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. އުމުރުން 2 އަހަރުން ދަށުގެ ކުދިން ޕީސީއާރ ޓެސްޓް ހަދާކަށް ނުޖެހެއެވެ.

ސްރީލަންކާ ހުޅުވައިލި ނަމަވެސް، އިންޑިއާ، ވިއެޓްނާމް، ސައުތު އެމެރިކާގެ ޤައުމުތަކާއި ސައުތު އެފްރިކާގެ ޤައުމުތަކުގެ މީހުންނަށް އަދިވެސް އެޤައުމަށް ދަތުރެއް ނުކުރެވޭނެއެވެ. އަދި އެ ޤައުމުތަކަށް މީގެ 14 ދުވަސް ކުރިން ދަތުރު ކުރި ފަރާތްތަކުން ވެސް ލަންކާއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!