ރަންނަބަނޑޭރި ކިލޭގެފާނުގެ ވެރިކަން ފަދަ ވެރިކަމެއް އަލުން ބޭނުންވާ ސަބަބެއް ނުވިސްނުނު: ޝަރީފް
ރަންނަބަނޑޭރި ކިލޭގެފާނުގެ ވެރިކަން ފަދަ ވެރިކަމެއް އަލުން ރާއްޖެ ބޭނުން މިވާ ސަބަބެއް ނުވިސްނުނުކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި ބޮޑުވަޒީރުކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަންނަބަނޑޭރި ކިލޭގެފާނުގެ ވެރިކަން ފަދަ ވެރިކަމެއް އަލުން ރާއްޖެ ބޭނުން ވާ ސަބަބެއް ނޭނގޭ ކަމަށެެވެ. އަދި ބަރުލަމާނީ ނުގެނަޔަސް ރައީސް މައުމޫންގެ ވެރިކަމުގައި އޮތް ގޮތަށް މަޖިލީހުން ދަޢުލަތުގެ އިސްވެރިޔާ ހޯވާ ގޮތަށް ގާނޫނު ބަދަލު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުން އަޑު ހަރުކޮށް ބަރުލަމާނީ ނިޒާމޭ ކިޔަނީ އެމްޕީ ނުވަތަ މިނިސްޓަރކަން އެ ބޭފުޅުންނަށް ލިބޭނެ ކަމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި ދަޢުލަތުގެ އެންމެ އިސް ވެރިޔާ ހޮވުމުގައި ރައްޔިތުންގެ ބަހެއް ނޯންނާނެ ކަމަށާއި މިކަމުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ވެސް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.
ކްލަބް ހައުސްގައި ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އަދި 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ރިޔާސީ އިންތިޚާބެއް ބާއްވަން އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޓަކައި 2022ވަނަ އަހަރު ވޯޓެއް ނެގުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕީޕީއެމުން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަމަށާއި ރައީސް ޔާމީނު ވެސް މީގެ ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވައިފައިވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން ވަނީ އެވާހަކަތައް ދޮގު ކުރައްވައި، އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.