ރިޕޯޓް

ވެލާ ބިސް އަޅަން މި ފަހަރު އެރީ މާފަރު އެއާޕޯޓް ރަންވޭއަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

(ނ.މާފަރު) ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ވެލައެއް ބިސްއަޅަން އަރައި އޮއްވައި އެތަނުގެ މުވައްޒަފުންނަށް ފެނިއްޖެއެވެ.

Ads by Sosun Fihaara

އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން "ދެން"އަށް މައުލޫމާތު ދެމުން ބުނީ އެ މީހުންނަށް ވެލާ ފެނުނީ ރަންވޭ ޗެކިންއަށް، އަރައި އުޅެނިކޮށް ކަމަށެވެ. އެއީ މިއަދު މެންދުރު 11:30ހާއިރު ކަމަށާއި އެ ވެލާ ފެނުމުން ވެހިކަލަށް އަރުވައިގެން ގެނެސް ދޫކޮށްލައިފައިވާނެ ކަމަށް ވެސް އެމީހުން ކިޔައިދިނެވެ.

އެ ވެލާ އެތަނަށް އަރައިފައި ވަނީ ބިސް އަޅަން ކަމަށް ބެލެވޭ ކަމަށާއި ވެލާ ފެނުނުއިރު އެ ވެލާ މަސައްކަތް ކުރަނީ ފައިބައިގެން ދިއުމަށް ކަމަށް އޭނާ ކިޔައިދިނެވެ. މިހާރު އެތަން އޮންނަ ގޮތުން ނަމަ އިރުމަތީ ފަރާތު ގޮނޑުދޮށުން އަރައިގެން އަންނައިރު ގުންޑޮޅިއެއް އޮންނަ ކަމަށާއި އެތަނުން މައްޗަށް ވެލައަށް އެރުމުން ދެން ފައިބައިގެން ދާން ނޭނގެނީ ކަމަށް ބެލެވޭ ކަމުގައި އޭނާ ކިޔައިދިނެވެ.

މާފަރު ދެކުނު ކޮޅަކީ އާއްމުކޮށް ވެސް ވެލާ އަރާ ތަނެކެވެ. އަދި މިހާރު އެއާޕޯޓް ހަދައިފައިވާ ސަރަހައްދުގެ އިރުމަތީ ފަރާތަކީ ވަރަށް ގިނައިން ވެލާ އަރާ "ވެލާ ފަސްގަނޑެއް" ކަމަށް މާފަރުގެ ދުވަސްވީ މީހުން "ދެން"އަށް ކިޔައިދިނެވެ.

މީގެ ކުރިން 2019ވަނަ އަހަރު ވެސް މާފަރު އެއަރޕޯޓް ހުޅުވުމުގެ ކުރިން އެ އެއާޕޯޓަށް ވެލާ އަރައި ބިސް އަޅައިފައި ވެއެވެ. މާފަރު އެއާޕޯޓަށް އެފަހަރު ވެލާ އަޅައި ބިސް އެޅުމުން އެ ވާހަކަ ވަނީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައެެވެ.

އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް، 2200 މީޓަރުގެ ރަންވޭއަކާ އެކު، ތަރައްގީ ކޮށްފައިވާ މާފަރު އެއާޕޯޓަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ސިންގަޕޫރުގެ 'ޓަފް އޮފްޝޯ' ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މާފަރު އެއާޕޯޓް ހުޅުވުމަށް ފަހު އަލުން 1000 މީޓަރު އިތުރުކޮށް، އޭ 380 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް އެއާޕޯޓް ބޮޑު ކުރުމަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ.

 

Ads by Allied Insurance
  1. ހަނާ

    މާފަރު އެއަރޕޯޓް އަކީ ރައީސް ޔާމީން ސަރުކާރުގަ ހަދާފަ އޮތް އެއަރޕޯޓް އެއް. ޝުކްރިއްޔާ ރ.ޔާމީން

  2. ވަފާ

    ރައީސް ޔާމީންގެ ސަރުކާރުން އެޅި އެއަރޕޯޓޭ ލިޔަން ބޭނުން ނުވިއަސް ހަގީގަތް ދެނެވޮޑިގެންވަނޫ މާތްﷲ. ނޫސްވެރިންނަށް ތެދުވެރި ކަމާއެކު ހަބަރު ލިއުމުގެ ހެޔޮ ވިސްނުން ދެއްވާށި

  3. މަރިޔަމް

    ިޔާމީނުހެދި އެއާޕޯރޓެކޭ ކޮންމެހެން ލިޔަންޖެހޭތަ