ޝިދާތާ ވަރިއެއް ނުކުރަން، މި އުޅެނީ އިދެގެން: ޒިޔާ
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވަރިވެއްޖެ ކަމަށާއި، މިހާރު "ސިންގަލް" ކަމަށް ބުނެ ފެތުރިފައިވާ ވާހަކަ، އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ދޮގުކޮށްފިއެވެ.
ޝިދާތާ ސިންގަލް ވެއްޖެކަމަށް އޮންލައިން ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެން "ދެން" އިން ސުވާލު ކުރުމުން ޒިޔާ ބުނީ އެއީ އޭނާ ޤަބޫލު ކުރާ ޚަބަރެއް ނޫން ކަމަށެވެ.
"އަޅުގަނޑާއި ޝިދާތާ އެއްވެސް މައްސަލައެއް ނުޖެހޭ. އަޅުގަނޑުމެންގެ ކައިވެންޏެއް ނުރޫޅޭ. އިނދެގެން މިއުޅެނީ އަދިވެސް" ޒިޔާ ބުންޏެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު މަހަށް ފަހު ޒިޔާއާއި ޝިދާތާ ކައިވެނި ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ.
އެދުވަސްވަރަކީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދިޔަ ދުވަސްވަރަކަށް ވުމާއެކު، ޝިދާތާއާ ޒިޔާ ގެ ކައިވެނި ޕާޓީއެއް ބާއްވައިފައެއް ނުވެއެވެ. ނަމަވެސް އެ ދުވަހު ހަވީރު އެ ދެމަފިރިންގެ އާއިލާއާ އެކު ކުޑަ "ގެޓް ޓުގެދަރ" އެއް ބާއްވައިފައިވާކަން "ދެން"އަށް މައުލޫމާތު ދެމުން ޒިޔާ އެ ދުވަހު ބުންޏެވެ.
އެ ދެމަފިރިންގެ ކައިވެނީގެ އެ ކުޑަ ޙަފްލާގައި ޝިދާތާ ލައިގެން ހުރީ އޭނާ އަމިއްލަ އަތުން ފަހައިފައިވާ ހެދުމެކެވެ.
އުމުރުގެ ތަފާތު ހުރުމާ އެކު ސިޔާސީ ގޮތުން ވެސް އެ ދެމަފިރިން ނިސްބަތް ވަނީ ދެ ޕާޓީއަކަށް ވުމާ އެކު ދެމަފިރިންގެ ކައިވެންޏާ މެދު އެތައް ފާޑުކިޔުން ތަކެއް މީގެ ކުރިން ވެސް ވަނީ ކުރިމަތިވެފައެވެ.
ޒިޔާއާއި ޝިދާތާގެ ކައިވެނި ރޫޅިއްޖެ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑުއަރައިފައެވެ. ނަމަވެސް އެއީ ދޮގެއްކަމަށް އެ ދުވަހު ޝިދާތާ ވެސް ވަނީ ވިދާޅުވެފައެވެ.