ޚަބަރު

ޝަރީއަތަށް ރާއްޖެ އަންނަން އަލީ ވަހީދަށް އަންގައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާގެ ތުހުމަތުތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވާން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، އެ ކޯޓުން ޗިޓު ފޮނުވައިފިއެވެ.

Ads by MWSC

ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އެ ޤައުމުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭ ގޮތް އަލީ ވަހީދަށް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ އެ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ މައްސަލަ ކޯޓުން ބޭރުކޮށްލައިފައެވެ.

ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ހަވާލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 އަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!