ރިޕޯޓް

"ސްކޭން ވެސް ނުކޮށް ދަރިފުޅު ރަނގަޅުކަމަށް ބުނި، ފަހުން ދިނީ ނިޔާވި ޚަބަރު"

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފުވައްމުލަކު ހޮސްޕިޓަލުގެ ފަރުވާ ކުޑަކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް އަނެއްކާ ވެސް ސްކޭން ވެސް ނުކޮށް ދަރިފުޅު ރަނގަޅުކަމަށް ބުނުމަށް ފަހު ސްކޭންކޮށް ، ދަރިފުޅު ނިޔާވެފައިވާކަމަށް ބުނި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

އެހޮސްޕިޓަލުން ފަރުވާ ހޯދި މީހެއްގެ ފިރިމީހާ އޭނާގެ އަންހެނުންނާ މެދު ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ކުޑަކޮށް އަމަލުކޮށްފައިވާކަމަށް ބުނެ ފޭސްބުކްގައި ވަނީ ޕޯސްޓެއްކޮށްފައެވެ.

މިގޮތުން އޭނާގެ އަނބިމީހާ ބަލިވެއިންދާ "ބްލީޑްވާ ކަހަލަ ގޮތެއް ވެގެން" ހޮސްޕިޓަލަށް ދެއްކުމުން ހޮސްޕިޓަލުގައި އިންނަ އަންހެނުންގެ ޑޮކްޓަރ ސްކޭން ވެސް ނުކޮށް ރަނގަޅު ކަމަށް ބުނެ އެންޓިބައޮޓިކް ދިންކަމަށް ބުނެފައިވެއެވެ.

"އެންޓިބައޮޓިކް ދީފައި ބުނީ ޖޫން މަހުގެ 23 ގައި ސްކޭން ކުރަން އަންނަން. ޖޫން 23 ވަނަ ދުވަހު އަންހެނުންގެ ބަނޑަށް 12 ހަފްތާ (3 މަސް) ވެފައި ވަނިކޮށް އަންހެނުންގެ ޑޮކްޓަރ އެދިފައިވާތީ ސްކޭން ކުރިތަނާ ސްކޭން ޑޮކްޓަރ ބުނީ ބަނޑުގައި އޮތް ދަރިފުޅު މަރުވެފައިވާކަމަށް. އަދި ގާތްގަނޑަކަށް 3 ނޫނީ 4 ހަފްތާ ވެފައިވާކަމަށް" އޭނާގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އެމީހާގެ ޕޯސްޓުގައި ބުނެފައިވާގޮތުން އަންހެނުން ބަލިވެ އިނުމަށް ފަހު އެންމެ ފުރަތަމަ ކުރި ސްކޭންއިން ދަރިފުޅުގެ ހުރިހާކަމެއް ވެސް ރަނގަޅުކަމަށާއި އެއްވެސް މައްސަލައެއް ނެތްކަމަށް ސްކޭން ރިޕޯޓުން ދައްކާފައިވާ އިރު ޑޮކްޓަރު ވެސް ވަނީ ހުރިހާކަމެއް ރަނގަޅުކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފަހުން ސްކޭން ކުރުމަށް ފަހު ދަރިފުޅު ބަނޑުތެރެއަށް މަރުވެފައިވާ ކަމަށް ބުނުމުން ޝޮކެއް ލިބިފައިވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"އެވަގުތު އެހެންބުނުމުން އަޅުގަނޑުމެންނަށް ލިބުނީ ޝޮކެއް އަދި ހަދާނެ ގޮތެއް ވެސް ނޭނގި ހުއްޓާ ޑޮކްޓަރު ބުނީ އަވަހަށް އެޑްމިޓްވާށޭ އެބޯޝަން ހަދަން. މީގެ ކުރިން ވެސް އަންހެނުންގެ ޑޮކްޓަރއެއް ހުރި އަދި އެންމެ ފަހު ޕްރެގްނެންސީގައި މިހެން ކަންތައް ދިމާވެގެން ދިޔައީމަ ޑޮކްޓަރ އިރީނާ ވަގުތުން ސްކޭން ކޮށްފަ 10 ދުވަސް ބެޑް ރެސްޓަށް ފޮނުވާލީ ބޭސް ދީފައި. އަދި 10 ދުވަސް ފަހުން ދިޔައީމަ ސްކޭން ކޮށްފަ އޯކޭ ކަމަށް ބުނި" އެމީހާގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.

އޭނާ ބުނި ގޮތުގައި ކުރިން ހުރި ޑޮކްޓަރ އެހެން ކަންތައް ކުރި ނަމަވެސް މިހާރު ހުރި ޑޮކްޓަރ އިތުރު ސްކޭން އެއްވެސް ނުކޮށް ގެއަށް ފޮނުވާލި ކަމަށާއި މާބަނޑުވުމުގެ ސަބަބުން އަންހެނުންނަށް އަންނަ ބަދަލުތައް ބަރާބަރަށް އައިސްއައިސް ހުއްޓާ ޑޮކްޓަރ ވަނީ ދަރިފުޅު މަރުވެފައިވާ ކަމަށާއި އެބޯޝަން ހައްދަން ޖެހޭނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ދަރިފުޅު މަރުވެފައިވާކަމަށް ގަބޫލު ނުކުރެވޭކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވޭ ދަރިފުޅު މަރުވެފައިވާކަމަކަށް. މީގެ ބައިވަރު ސަބަބުތައް އެބަހުރި ޑޮކްޓަރ ބޭސް ދީގެން އެބޯޝަން ހެދިއިރު ދަރިފުޅުގެ ފޫޅު ދަނޑިއާއި މަސްވެސް އޮތީ ވަރަށް ރީއްޗަށް. އޭގަ ނެތް 3 ވީކްސް ވެފަ އޮތް ކަހަލަ އެއްވެސް އަސަރެއް. ވަރަށް ފްރެޝްކޮށް އޮތީ.  މިކަމުގައި ޒިންމާ ނަގާނީ ކާކު؟" އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފަރުވާކުޑަކަމުގެ ޝަކުވާތައް ގިނަވެފައިވާއިރު މިކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުއައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ އެފަދަ މައްސަލަތަކެއްގެ މައުލޫމާތު ލިބިފައިވާކަމަށާއި އެމައްސަލަތައް ތަހްގީގު ކުރަމުން ދާކަމަށެވެ.

"ތި މައުލޫމާތު ލިބިގެން ތި މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން މިދަނީ. ހޮސްޕިޓަލާއި އައިޖީމްއެމްއެޗް އަދި ހެލްތު މިނިސްޓްރީ ގުޅިގެން އިންވެސްޓިގޭޓް ކުރަމުން މިދަނީ. އިތުރު އެއްޗެއް ބުނެވޭނީ އިންވެސްޓިގޭޝަން ނިމުނީމަ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފަރުވާ ކުޑަވިކަމަށް ބުނާ ޑޮކްޓަރާ މެދު އަދި ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެ ހޮސްޕިޓަލުން ސިޒޭރިއަން ހެދުން ހުއްޓައިލައިފައިވާކަމަށެވެ.

"އިންވެސްޓިގޭޝަން ކުރިއަށްދާތީ އަދި ޑޮކްޓަރާ މެދު ފިޔަވަޅެއް ނާޅާ އެކަމަކު މިވަގުތު ސިޒޭރިއަން ހެދުން ވަނީ ހުއްޓައިލައިފައި. އަދި އިންވެސްޓިގޭޝަނަށް ފަހު އިހްމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން" ސައީދު ވިދާޅުވިއެެވެ.

މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުތެރެއަށް ބެންޑޭޖްކޮޅެއް ދޫކޮށްލެފައި އޮތުމުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވީ މައްސަލައެއް ވެސް ވަނީ އިއްޔެ މީޑިޔާތަކަށް އަރައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!