ރާއްޖޭން ދޫކޮށްލި ލަންކާ މަސްބޯޓެއްގައި ރާއްޖޭގެ މުދާ ހުރުމުން ބަޔަކު ހައްޔަރުކޮށްފި
ރާއްޖޭ ސަރަހައްދުން އަތުލައިގަތް ލަންކާގެ މަސްބޯޓެއް ދޫކޮށްލުމުން އެނބުރި ގައުމަށް ދިޔަ އިރު ރާއްޖޭން ބައެއް ތަކެތި ގެންދިޔަ މައްސަލައެއްގައި ލަންކާގެ މަސްވެރިންތަކެއް ހައްޔަރުކޮށްފިއެވެ.
ބޭރުގެ ނޫހަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަތުލައިގަތް ތަކެތީގެ ތެރޭގައި އަންނައުނާއި ކާބޯތަކެތީގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ވެސް އެ ބޯޓުން ފެނުނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ހައްޔަރުކުރި މީހުންނާ ސުވާލު ކުރުމުން އެމީހުން ބުނެފައި ވަނީ ރާއްޖެއިން އެހީވީ ރައީސް އޮފީހުގެ މީހެއްކަށެވެ. މިކަމުގެ އިތުރު ތަފްސީލު ރިޕޯޓު ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ލަންކާ ކޯސްޓް ގާޑުން ބުނެފައި ވަނީ މަސްވެރިކަމާ ނުކުމެ އުޅެނިކޮށް މިދިޔަ މަހު ރާއްޖޭ ސަރަހައްދަށް އޮޅިގެން ވަދެވުމުން ރާއްޖޭން ބޯޓުތައް ހިފެހެއްޓި ކަމަށެވެ. .
މިދިޔަ މެއި މަހުގެ ތެރޭގައި އެމްއެންޑީއެފުން ވަނީ މ އަދި ވ އަތޮޅާ ދިމާލުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ 5 މަސް ބޯޓެއްް ފެނިގެން އެ ބޯޓުތައް ކޯސްޓް ގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ކޮންމެ ބޯޓެއްގައި 6 މީހުން ތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ބޯޓުތައް މަސްވެރިކަން ކުރަމުން ދިޔައީ ވަކި ދުރުމިނެއް ބަހައްޓައިގެންނެވެ. އެ މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަނީ ތަހުގީގު ވެސް ކޮށްފައެވެ.