ފިލްމީތަރިއަކަށް ވީތީ އަހަންނާ ބެހުނަސް ދަރިންނާ ނުބެހޭތި: ޝާހްރުކް
ބޮލީވުޑްގެ އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު އެއް ތަރި ކަމުގައިވާ ޝާހްރުކް ޚާން އަބަދުވެސް ފާހަގަވެފައިވަ ނީ ވަރަށް ވެސް ހެއްވާ، މަޖާ، އަދި މީހުންނާ ގުޅޭ މީހެއްގެ ގޮތުގައެވެ. އާންމުގޮތެއްގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ވެސް ވަރަށް ހަމަޖެހިގެން ޖަވާބުދޭތީ، ޝާހްރުކް ޚާން ވެފައި ވަނީ ނޫސްވެރިންނާ ވެސް އެކުވެރި، އެންމެން އިހްތިރާމު ކުރާ މޫނަކަށެވެ.
"ކިންގް ޚާން" ގެ ލަގަބު ދީފައިވާ ޝާހްރުކްއަކީ އަބަދުވެސް ނޫސްވެރިން ކުރާ ހުރިހާ ސުވާލަކަށް ވެސް ޖަވާބުދޭ ފަންނާނެކެވެ. އޭގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އޭނާ ވަނީ "އާސްކް މީ އެނީތިންގް" އޮޕްޝަން ހުޅުވައިލައި، އޭނާއާ ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލައިފައެވެ. އޭގައި އޭނާއާ ކުރިމަތިކުރާ ކޮންމެ ސުވާލަކަށް މަޖާކޮށް ޖަވާބު ދޭތީ ޝާހްރުކް ޚާންއަށް ސަޕޯޓު ކުރާ މީހުން ވެސް ވަނީ ދުވަހުން ދުވަހަކަށް އިތުރު ވެފައެވެ.
މިފަދައިން ހަމަޖެހިފައި ހުންނަ ތަރިއަކު، ނޫސްވެރިއަކު ކުރި އެންމެ ސުވާލަކުން ހިތްހަމަ ނުޖެހިދާނެކަމަށް ޤަބޫލު ކުރަން ވެސް ބައެއް މީހުންނަށް ދަތިވިއެވެ.
ނަމަވެސް 2013 ވަނަ އަހަރު ޝާހްރުކް ކުޅުނު ފިލްމު "ޗެއްނައި އެކްޕްރެސް"ގެ ލަވައެއް ކަމުގައިވާ "ގެޓް އޮން ދަ ޓްރެއިން ބޭބީ" ޕްރޮމޯޓް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހްރުކްގެ ހަގު ދަރިފުޅު އަބްރަމްއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް އޭނާ ވަނީ ވަރަށް ހިތްހަމަ ނުޖެހިގެން ޖަވާބު ދީފައެވެ.
އެދުވަހު އެ ނޫސްވެރިޔާއާ ދިމާލަށް ޝާހްރުކް ބުނީ އެތަނަށް ގޮސްފައި ތިބީ "ގެޓް އޮން ދަ ޓްރެއިން ބޭބީ" އާ ބެހޭގޮތުން ވާހަކަ ދައްކަން ކަމަށާއި އޭނާގެ "ބޭބީ" ގެ ވާހަކަ ދައްކަން ނޫން ކަމަށެވެ.
"އެއީ އަހަރެންގެ ވަރަށް އަމިއްލަ ވާހަކައެއް. އެވާހަކަ ހިއްސާ ކުރެވޭވަރު ވީމަ އެންމެންނާ ހިއްސާ ވެސް ކުރާނަން. އަހަންނަކީ ފިލްމީތަރިއަކަށް ވީތީ އަހަންނާ މީހުން ބެހުނަސް، ދަރިންނާ ނުބެހޭތި" ޝާހްރުކް ޚާން ބުނެފައިވެއެވެ.
ޝާހްރުކްގެ ހަގު ދަރިފުޅު އަބްރަމްއަކީ ސަރޮގަސީ މެދުވެރިކޮށް އޭނާ ހޯދި ދަރިއެއްކަން ރިޕޯޓުތަކުން އެނގިފައިވެއެވެ. އަދި އެ ދަރިފުޅާ މާ ބޮޑު ގުޅުމެއް ޝާހްރުކްގެ އަންހެނުން ގޯރީ ޚާން ނުބާއްވާކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.