ޚަބަރު

ކޮންމެ ސަރުކާރެއް ގެނައުމަށް ވެސް އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ އަދާލަތު ޕާޓީއިން: ޝިދާތާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމެއް އުފެދުނު ހިސާބުން ފެށިގެން އަދާލަތު ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި މުހިންމު ޕާޓީއެއް ކަމަށާއި ރާއްޖޭގައި މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއް ވެސް އުފެދިފައި ވަނީ އަދާލަތު ޕާޓީގެ ދައުރާއެކުގައި ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "އަވަސް"އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްވަމުން ޝިދާތާ ވިދާޅުވީ، އަދާލަތު ޕާޓީއަކީ ސަރުކާރު ގެނައުމުގައި އަދި ސަރުކާރު މަސައްކަތް ހަރުދަނާ ކުރުމުގައި ވެސް އަބަދުވެސް ކުރީ ސަފުގައި އޮންނަ ޕާޓީއެއް ކަމަށެވެ.

"ޕާޓީ ސިސްޓަމް ދިވެހި ރާއްޖޭގައި ވުޖޫދަށް އައި ހިސާބުން ފެށިގެން، ކޮންމެ ސަރުކާރެއް ގެނައުމުގައި އެންމެ މުހިންމު ދައުރު އަދާކުރި ޕާޓީ އަދާލަތު ޕާޓީއަކީ. އަދި ސަރުކާރުގެ މަސައްކަތްތައް ހަރުދަނާކޮށް ދެމިގެން ދިއުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރި ޕާޓީއެއް އަދާލަތު ޕާޓީއަކީ" ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީގެ ވިސްނުމަކީ ޤައުމީ އަދި ދީނީ ވިސްނުމެއްކަމަށް ވާތީ އަދާލަތުން ޤަބޫލު ކުރާ ކަންތައް ގިނަ ދިވެހިން ބަލައިގަންނަ ކަމަށެވެ.

ޝިދާތާގެ އިސްތިއުފާއަށް އެމްޑީޕީގެ މެންބަރުން ގޮވިއިރު، އަދާލަތު ޕާޓީއިން ޝިދާތާގެ ދިފާޢުގައި އެއްޗެއް ބުނެފައި ނުވާތީ އެކަމާ ގުޅިގެން ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ، އެކަމަނާ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށާއި ވަކި މީހަކު އެކަމަނާ ދިފާޢު ކުރައްވާނެ ކަމަށް ބައްލަވައިގެން ނޫން ކަމަށެވެ. އަދި ސިޔާސީ ހަޔާތުގައި މިއަދު އާދެވިފައި އޮތް ހިސާބަށް އާދެވުނީ ވަކި މީހެއްގެ އެހީތެރިކަމާއެކުގައި ނޫން ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ ގޮތުން މިހުރި ވަރަށް ވުރެ އުހަށް ޖެހޭނަން. އަޅުގަނޑު މިހާ ހިސާބަށް އައީ ވެސް އެއްވެސް މީހެއްގެ ފަސްބައިގައި އެލިގެނެއް ނޫން. ކުރިޔަށް އޮތްތާންގައި ވެސް އަޅުގަނޑު އުހަށް އަރާނީ އެއްވެސް މީހެއްގެ ފަސްބައިގައި އެލިގެނެއް ނޫން." ޝިދާތާ ވިދާޅުވީ މިއަދު ސަރުކާރު އައިސްފައިވާ ހިސާބަށް ގެނެވިފައިވަނީ ޝިދާތާ ވެސް ކުރެއްވި ބުރަ މަސައްކަތުންކަމީ ރައީސް ޞާލިޙްއާއި ރައްޔިތުން ވެސް ބަލައިގަންނަ ހަޤީޤަތެއް ކަމަށެވެ.

"މިއަދު ސަރުކާރު އައިސްފައިވާ ހިސާބަށް ނުވަތަ ސަރުކާރު ބާރާ ހަމައަށް އައުމުގައި ޚުދު ރައީސް ޞާލިޙް ވެސް އަދި އަޅުގަނޑުގެ ޕާޓީއިން ވެސް ޤަބޫލު ކުރާނެ ޝިދާތާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރި މީހެއް ކަމަށް. އެ ހިތްހަމަ ޖެހުން އޮވޭ." ޝިދާތާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. މޯޑު

    މުހިންމު އެކަމު ހަވާލުކުރި ވެމްކޯދަނީ ބަގުރޫޓުވަމުން. ސީއީއޯ އަންހެންކުދިން ގޮވައިގެން ރާބޮއި މަޖާނަގަނީ

  2. ތާޑީ

    ޝިދާތާ އެވިދާޅުވީ ވަރަށްބޮޑުތެދެއް.އެންމެބިޔަ ޕާޓީއާނުލާކިހިނެއްދޯ ވާނީ