ނަޝީދަށް ހަމަލާދިނީ އައިއެސްއަށް ވާގިދޭ ބައެއް، އެކަމަކު އައިއެސް މީހުންނެއް ނޫން: ފުލުހުން
ރައީސް ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ހަމަލާ ދީފައި ވަނީ ހައްދު ފަހަނަ އަޅައިފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސްއާ ސަޕޯޓް ކުރާ ބައެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިން މީހުންނަކީ ރައީސް ނަޝީދުގެ ލޭ ހުއްދަކޮށް، ރައީސް ނަޝީދަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ނިންމައި އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ނިންމައި އަދި ރައީސް ނަޝީދަކީ މަރައިލާން ޖެހޭ މީހެއްގެ ގޮތުގައި ދެކޭ މީހެއް ބައެއް ކަމަށެވެ.
"ހަމަލާ ދިން ފަރާތްތަކުން ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކޮށްފައި ވަނީ ހަމަލާ ދިން މީހުންގެ ވިސްނުމާއި ގަބޫލުކުރުންތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްކަމުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަ ވެފައިވާކަމަށް ނިންމައިގެންކަން ތަހްގީގަށް ފާހަގަ ކުރެވޭ" އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.
އޭސީޕީ ރިޔާޒް އިތުރަށް ވިދާޅުވީ އެކި ތަންތަނުގައި ރައީސް ނަޝީދު ސިޔާސީ ގޮތުން އަދި ރަސްމީ ވާޖިބު އަދާކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތުގެ ތެރެއިން ނިންމަވާ ނިންމެވުންތަކާއި ދައްކަވާފައިވާ ވާހަކަފުޅުތަކާ އެކި ކަންކަމާއި ގުޅިގެން ރައީސް ނަޝީދު ކުރައްވާ ކަންކަމަށް ނިސްބަތްކޮށް އެމަނިކުފާނަކީ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައަޅައި މަރައިލާން ޖެހޭ މީހެއް ކަމަށް ދެކި އެކަމަށް މަގުފަހި ކުރުމަށް ޓަކައި ތަކުރާރުކޮށް މަސައްކަތް ކުރަމުން ދިޔަކަން، ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން ހާމަވެފައިވާ ކަމަށެވެ.
މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަކީ އައިއެސްގެ ފިކުރަށް ތާއީދުކުރާ ބައެއް ކަމަށާއި، ދިވެހި ދައުލަތް ޤަބޫލު ކުރާ ބައެއް ނޫން ކަމަށާއި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ދެކޭ ބައެއް ކަމަށް ވެސް އެމީހުންގެ ފަރާތުން އެނގިފައިވާ ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް ސީދާ ގޮތުން އައިސިސް އަދި ރާއްޖެއިން ބޭރުގެ އެއްވެސް ޖަމާއަތެއްގެ ވަކި ސެލްއެއްގެ ގޮތުގައި މިކަން ކުރުމަށް ޑައިރެކްޝަނެއް އެމީހުންނަށް ދީފައިވާކަމަށް ގަބޫލްކުރެވޭ ހަރުދަނާ ސަބަބެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ވެރިކަމާއި ޤައުމިއްޔަތަކީ އެމީހުން ޤަބޫލު ކުރާ އެއްޗެއް ނޫން ކަމާއި ދައުލަތުގެ އިދާރީ ހިންގުމުގެ ނިޒާމުތަކާއި ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން ހިނގަން ޖެހޭ ދުސްތޫރީ އަދި ޤާނޫނީ ޒިންމާތަކާއި ވާޖިބުތައް އެ މީހުން ބަލައި ނުގަންނަކަން ވެސް އަޅުގަނޑުމެންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ފާހަގަ ކުރެވޭ" ރިޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން އޭސީޕީ ވިދާޅުވީ މިފަދަ ނިންމުންތައް ނިންމުމުގައި އެމީހުން އެހެން މީހުންނަށް ބަޔާންކޮށްދެނީ ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން އެއްވެސް ދީނީ ތައުލީމެއް ހާސިލު ކޮށްފައި ނުވާ އަމިއްލައަށް ދީނީ ޢިލްމުވެރިން ކަމުގައި ދެކިގެން ފަތުވާ ނެރޭ ފަރާތެއްކަމާއި ކީރިތި ޤުރްއާނާއި ރަސޫލާ (ޞޢވ) ގެ ސުންނަތާއި، އިސްލާމީ ފިޤުހީ ދާއިރާތައް އެމީހުންގެ ތަޞައްވުރާ އެއްގޮތަށް މާނަކުރާ ބައެއް ކަމަށެވެ. އެފަދަ މީހުން ފިގުހީ މައްސަލަތައް ނުބައިކޮށް ތަރުޖަމާކޮށް އެހެން މީހުންނަށް ބަޔާންކޮށްދީ ފަނާ ކުރުވަނިވި ކަންތައްތަކަށް މީހުން ލަންބުވާ ހިތްޖެއްސުވާ ކަމަށް ވެސް އޭސީޕީ ވިދާޅުވިއެވެ.