ބޮލީވުޑް

އަހަންނަކީ ރާޖް ކުންދުރާއެއް ނޫން: ކަރަން ކުންދުރާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޑިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ، ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ، ބަރަހަނާ ފިލްމު އުފެއްދުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މައްސަލައިގައި ރާޖް ކުންދުރާގެ ބަދަލުގައި އެކްޓަރ ކަރަން ކުންދުރާގެ ނަމާ ފޮޓޯ ބޭނުން ކުރާތީ އެކަމާ، ކަންބޮޑުވާކަމަށް ކަރަން ކުންދުރާ ބުނެފިއެވެ.

Ads by STELCO

މިކަމާ ހިތްހަމަނުޖެހިގެން ކުރި ޕޯސްޓެއްގައި ކަރަން ބުނީ ގިނަ މީހުން ހީކުރާގޮތުގައި ކުށްކޮށް ޖަލަން ލައިފައި ވަނީ އޭނާ ކަމަށާއި އެކަމުގައި އޭނާ ކުށްވެރިކޮށް އޭނާގެ ނަމުގެ އިތުރުން ފޮޓޯ ވެސް ޝޯޝަލް މީޑިޔާގައި ދައުރުކުރަމުން ދާކަމަށެވެ.

"މީހުން އަސްލު ހީކުރަނީ އެއީ އަހަރެން ކަމަށް. ނިދާ ހޭލައިގެން ޓްވިޓާ ބަލައިލިއިރު މި ފެންނަނީ މީހުން އަހަރެންގެ ނަމާއި ފޮޓޯޖަހައި ޓެގް ކޮށްފައި ހުއްޓާ. ވާނުވާ އެނގެން ވަގުތުތަކެއް ނެގި" ކަރަންގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ކަރަން ބުނި ގޮތުގައި ބައެއް މީހުން އެމައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް ގަބޫލު ކުރި ނަމަވެސް ގިނަ މީހުން ގަބޫލު ކުރި ގޮތުގައި ބަރަހަނާ ފިލްމު އުފެއްދުމުގެ ކުށުގައި ހައްޔަރުކޮށް ސުވާލުކުރަމުން ދަނީ އޭނާއާއެވެ.

"1921" އަދި "ޕޫރޭ ޕަންޖާބީ" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފައިވާ ކަރަންގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބުން އޭނާގެ ނަން ދަނީ ހަޑިވަމުންނެވެ.

ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ އުފައްދައި ވިއްކި ކަމުގެ ތުހުމަތުގައި 27 ޖުލައި 2021 ވަންދެން ރާޖް ކުންދްރާ ބަންދު ކޮށްފައިވާއިރު، މިހާތަނަށް އޭނާގެ އަތުން 48 ޓީބީ ފުރެންދެން ހުރި ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފުލުހުންނަށް އަތުލައިގަނެވިފައިވާ ކަމަށް އިންޑިޔާގެ ފުލުހުން ބުންޏެވެ.

މީގެއިތުރުން އޮންލައިންކޮށް ބެޓް ކޮށްގެން ވެސް އެފަދަ ވީޑިއޯތަކުގެ ވިޔަފާރި ކޮށްފައި ހުރި ކަމަށާއި އެގޮތުން 7.5 ކްރޯޑް ރުޕީސް ރާޖް ކުންދްރާގެ އެކައުންޓުގައި ހުރިކަން ވެސް ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!