ރިޕޯޓް

ފުޅަދޫއަށް ދިޔައީ ޗުއްޓީ ހޭދަ ކޮށްލަން، ނިޔާވީ އެކުގައި ގެނބުނު ކުދިންތަކެއް ސަލާމަތްކޮށްފައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޚަބަރުތައް ފުރަތަމަ އިވުނު ގޮތުން ނަމަ، އެ މީހާ ނިޔާވީ މޫދަށް އެރި އުޅެނިކޮށް ގެނބިގެންނެވެ. ނަމަވެސް ހާދިސާއާ ގުޅޭގޮތުން އިތުރަށް ލިބުނު މައުލޫމާތުތަކުން ހާމަވީ، އުމުރުން 36 އަހަރުގެ އެ ފިރިހެން މީހާ ނިޔާވީ އެކުގައި ދިޔަ ކުދިންތަކެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައިކަން ވެސް ވަނީ ހާމަވެފައެވެ.

މިއީ މިއަދު މެންދުރެއްހާ އިރު، ބ. ފުޅަދޫގައި ހިނގި ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ޒުވާން ފިރިހެނަކު މި ދުނިޔެއަށް އަލްވަދާއުކީ ޗުއްޓީ ހޭދަކޮށްލަން އެ ރަށަށް އޭނާއާ އެކު ދިޔަ ކުދިން ސަލާމަތް ކޮށްފައެވެ.

މި ހާދިސާއާ ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ފުޅަދޫ ކައުންސިލު ރައީސް އަލީ އަޒްހަރް ވިދާޅުވީ އެ މީހުންނަކީ އެ ރަށަށް ޗުއްޓީއަށް ދިޔަ ބައެއް ކަމަށާއި އިއްޔެ އެ ރަށަށް ގޮސް، މަޑު ކުރީ ގެސްޓްހައުސްއެއްގައި ކަމަށެވެ.

"އެ މީހުން މިއަދު މޫދަށް ދިޔައިރު ހިނގި ހާދިސާއެއް މިއީ. ބައެއް ކުދިން ގެނބުނީއޭ އެމީހުން މައުލޫމާތު ދިނީ. ސަލާމަތް ކުރަން އުޅުނު ފިރިހެން މީހާ ނިޔާވީ." އަޒްހަރް ވިދާޅުވިއެވެ.

ގެނބުނު ހަތަރު ކުއްޖަކު ސަލާމަތް ކުރުމަށް ފަހު، އެ މީހާ އަޑިއަށް ދިޔައީ ކަމަށާއި އޭނާ މޫދުން ނެގި އިރު ހުރީ ފުދޭ ވަރަކަށް ލޮނު ބޮވިފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެެވެ.

އޭނާއަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ 1:30ހާއިރު ކަމަށް އަޒްހަރް ވިދާޅުވިއެވެ. ނަމަވެސް ހިތާމައަކީ، މަރުކަޒާ ހަމައަށް ގެންދިޔައިރުވެސް، އެ ހިތްވަރުގަދަ ޒުވާނާ މި ފަނާކުރުވަނިވި ދުނިޔެއަށް ތާއަބަދަށް އަލްވަދާޢު ކިޔާފައިވާ ކަމެވެ.

"ވަރަށް ފަރުވާ ދެވޭތޯ ބެލި، ވަރަށް މަސައްކަތް ކުރި، އެހެން ނަމަވެސް އޭނާއަށް އޮތީ ވަރަށް ލޮނު ބޮވިފައި" ނުހަނު ފުން އަސަރާ އެކު އަޒްހަރު ވިދާޅުވެފައިވެއެވެ.

ނިޔާވި މީހާގެ ނަމާއި އެއްވެސް މައުލޫމާތެއް އާއިލާއިން ހިއްސާ ކުރަން ބޭނުން ނުވާކަން އެނގިފައިވާ ކަމަށް ވެސް އަޒްހަރް ވިދާޅުވިއެވެ. އަދި ބައެއް މީހުން ކުރި ވީޑިއޯތައް ވެސް ޑިލީޓު ކޮށްލަން އެދުނު ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން "ދެން" ގެ ފަރާތުން ވެސް އާއިލާއަށް އިހްތިރާމްކޮށް މި ހިތާމައިގައި ބައިވެރިވަމެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!