ދިވެހި ސިނަމާ

"މަޒްލޫމް" ރިވިއު: މި ފަހަރު ވެސް ފެނުނީ އެހެން ލެވަލެއްގެ މޮޅު ސަސްޕެންސެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ނަން ހިނގާ އެއް ފިލްމު ޑިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ)ގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "މަޒްލޫމް"ގެ ފުރަތަމަ ބައި މި މަހުގެ 26 ވަނަ ދުވަހުގެ ރޭ "ބައިސްކޯފު" ގައި ރިލީޒް ކޮށްފައިވާއިރު، މިހާރު ވެސް އެ ކުރު ފިލްމަށް ވަނީ ހީ ވެސް ނުކުރާ ފަދަ ހޫނު ތަރުހީބެއް ލިބިފައެވެ.

Ads by STELCO

ދެހާސް ނަވާރަވަނަ އަހަރު ރިލީޒްވި "ބަވަތި" ފިލްމުގެ ކާމިޔާބީއަށް ފަހު އިއްލެގެ ހުނަރުވެރިކަން ޝައްކެއް ނެތް މިންވަރަށް ވަނީ ދާއިރާގެ އެހެން ފަންނާނުންނަށާއި ބެލުންތެރިންނަށް ވެސް ފެނިފައެވެ. އެހެންކަމުން އޭނާގެ އުފެއްދުންތަކާ މެދު ކުރެވޭ އުންމީދު ވެސް މިވަނީ އިތުރުވެފައެވެ.

ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް ގުޅިގެން، މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދައިފައިވާ ކުރު ފިލްމު "މަޒްލޫމް"ގެ ފުރަތަމަ ޗެޕްޓާ މިނިވަން ދުވަހުގެ ރޭ ބެލުންތެރިންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.މި ފިލްމުގައި ހަރަކާތްތެރި ވެފައިވާ ހުރިހާ ތަރިން ވެސް ދައްކުވައި ދީފައިވަނީ ވަރަށް ވެސް ތަފާތު މޮޅު އެކްޓިންއެކެވެ.

ފުރަތަމަ ޗެޕްޓާގައި ލީޑް ރޯލުން ފެންނަނީ ނުޒުހަތު ޝުއައިބު، ވާޝިޔާ މުޙައްމަދު، އަހުމަދު އިފްނާޒް ފިޔާގު، ޝަރަފް ޢަބްދުﷲ އަދި އަހުމަދު ޝާރިފްއެވެ.

ނުޒުހަތު ޝުއައިބް (ނުޒޫ)

މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ އެންމެ ނަން މަޝްހޫރު އެއް ތަރި ކަމަށްވާ ނުޒޫ އަކީ، ކެމެރާގެ ލެންސް އޭނާއާ ދިމާލަށް އަނބުރައިލުމަށް ފަހު ބެލުންތެރިން ހައިރާން ކުރުވާ ފަދަ މޮޅު އެކްޓިންއެއް އަބަދުވެސް ދައްކަމުން އަންނަ ތަރިއެކެވެ.

މިފިލްމުގައި ނުޒޫ ކުޅެފައިވަނީ "ޒަހާ" ގެ ރޯލެވެ. ފިލްމުގެ ކުރިމަރައި ނުލާ ނުޒޫ މި ފިލްމުގައި ދައްކުވައި ދީފައިވާ އެކްޓިންއަށް ތައުރީފު ކުރަން ވަރަށް ވެސް އުނދަގުލެވެ. ހަމައެކަނި ބުނެވޭނީ މޫނު މައްޗަށް ގެނެސްދިން އެކްސްޕްރެޝަނާއި، ހަށިގަނޑުގެ ހަރަކާތްތަކާއި ދީފައިވާ ހުރިހާ ޑަޔަލޮގްތައް ވެސް ވަރަށް ދިމާވެ، ވަރަށް މޮޅު ކަމަށެވެ. ނަމަވެސް ރުޅިވެރިކަމުގެ އެކްސްޕްރެޝަން ދެއްކުމުގައި އަދިވެސް ކޮންމެވެސް ވަރަކަށް ނުޒޫ މަސައްކަތް ކޮށްލަން ޖެހޭކަން ފާހަގަވިއެވެ.

ވާޝިޔާ މުޙައްމަދު (ޝިޔާ)

ޝިޔާގެ ވާހަކަ ފަށާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދާއިރާއަށް ތައާރަފްވިތާ އަދި މާ ގިނަ ދުވަހެއް ވެފައި ނެތް ނަމަވެސް، އޭނާ ދައްކުވައިދޭ ކޮންމެ އެކްޓިންއަކުން ވެސް ފެންނަނީ ހުނަރުވެރިކަމާއި މޮޅު ކަމެވެ.

މި ފިލްމުގައި ޝިޔާ ކުޅެފައި ވަނީ "ޒައުޝަން" ގެ ރޯލެވެ. އެ ކެރެކްޓާ އިއްލެ ސިފަ ކޮށްފައިވާ ގޮތް ޝިޔާ ވަނީ ވަރަށް މޮޅަށް ދައްކުވައި ދީފައެވެ. އަދިވެސް ބައެއް އެކްސްޕްރެޝަން ދިނުމުގައި ކުޑަކުޑަ ހިތްވަރެއް ލާން ޖެހުނު ކަމުގައި ވިޔަސް ޖުމްލަކޮށް ބުނެވޭނީ ޝިޔާ ވަރަށް މޮޅު ކަމަށެވެ. އޭނާއަކީ ދާއިރާގައި މާ ގިނަ ދުވަސް ނުވާ މީހެއްކަން އެކްޓިންއަކުން ބުނެއެއް ނުދެއެވެ.

އަހުމަދު އިފްނާޒް ފިރާގު

"ބަވަތި"ގެ ލީޑް ރޯލުން ފިލްމީ ދާއިރާއަށް ތައާރަފްވި އިފްނާޒް، "މަޒްލޫމް" ގެ ފުރަތަމަ ޗެޕްޓާގައި ދައްކުވައި ދީފައިވަނީ އެ ފިލްމާ މުޅިން ތަފާތު އެކްޓިންގެކެވެ. މި ފިލްމުގައި އޭނާ ކުޅެފައި ވަނީ "މާހިރް" ގެ ރޯލެވެ. އެކި އެކްސްޕްރެޝަނާ އެކު ދައްކުވައި ދީފައިވާ އެ ކެރެކްޓާ އިފްނާޒް ވެސް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާކަން ފާހަގަވެއެވެ.

އިފްނާޒްގެ އެކްޓިންގާ މެދު އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތް ނަމަވެސް، މި ފިލްމުގައި އޭނާ ފެނިފައިވާ މިންވަރު ތަންކޮޅެއް ގިނަ ނަމައޭ ބެލުންތެރިއެއްގެ ހައިސިއްޔަތުން ހިތަށް އެރިއެވެ. ނަމަވެސް ފެނުނު މިންވަރުގައި ވެސް އިފްނާޒް ވަނީ "މާހިރް" ގެ ރޯލަށް ވަރަށް ފުރިހަމަ ދިރުމެއް ގެނެސްދީފައެވެ.

އަހުމަދު ޝާރިފް

ޝާރިފްއަކީ އޭނާ މިހާތަނަށް ކުޅެފައިވާ މަދު ޕްރޮޖެކްޓުތަކުގައި ވެސް، މީހުން ހައިރާން ކުރުވާ ފަދަ އެކްޓިންއެއް ދައްކުވައި ދީފައިވާ ފަންނާނެކެވެ. ހަގީގީ ދިރިއުޅުމުގައި މީހުންނާ ވަރަށް ގުޅޭ، މަޖާ އަދި އެހެން މީހުންގެ ބަނޑަށް ގޮށް ޖެހޭ ވަރަށް ހެއްވާލުމުގެ ކުޅަދާނަކަން ލިބިފައިވާ ޝާރިފް، އޭނާ ކުޅޭ ފިލްމާއި ސީރީޒްތަކުން ދައްކުވައި ދެނީ މުޅިން ތަފާތު މަންޒަރެކެވެ. ޝާރިފް ކުޅޭ އެއްޗެހި ފެނުމުން އެއީ ހަމަ އަސްލު ވެސް އޭނަބާއޭ ހިތަށް އަރައެވެ.

"މަޒްލޫމް" ގައި ޝާރިފް ކުޅެފައި ވަނީ "ފާތިހް" ގެ ރޯލެވެ. އެންމެ އެކްސްޕްރެޝަނެއް ފިޔަވާ އެހެން ހުރިހާ އެކްސްޕްރެޝަނެއް ވެސް ދައްކުވައި ދީފައި ވަނީ ވަރަށް ފުރިހަމައަށެވެ.

ޝަރަފް ޢަބްދުﷲ

އައިފިލްމްސް އިން އުފެއްދި "ނީނާ" ގައި ޝަރަފް ހަރަކާތްތެރި ވެފައިވީ ނަމަވެސް، އެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަން ވަނީ ދިގު އިންތިޒާރެއް ކުރަން ޖެހިފައެވެ.

"މަޒްލޫމް"ގައި ޝަރަފް ކުޅެފައިވަނީ "އައިދިން" ގެ ރޯލެވެ. މީހާގެ ސިފައަށް ގެނެސްފައި ހުރި ބަދަލާއި ކުޅެފައިވާ ކެރެކްޓާ ވަރަށް ވެސް ގުޅެއެވެ. ޑަޔަލޮގް ދިނުމުގައި ކުޑަކޮށް އިތުރަށް މަސައްކަތް ކޮށްލަން ޖެހޭކަމަށް ފާހަގަ ވިޔަސް، ޖުމްލަކޮށް އޭނާގެ އެކްޓިން ވެސް މި ފިލްމުގައި ވަރަށް މޮޅެވެ.

"މަޒްލޫމް"ގެ ތަރިންގެ އިތުރުން ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައިވާކަން ފާހަގަ ވަނީ މި ފިލްމުގެ މޭކަޕް އާޓިސްޓް ރުތުބާ އަހުމަދުއެވެ. މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ކޮންމެ ފަންނާނެއްގެ ވެސް ކޮށްފައިވާ މޭކަޕް އެ މީހަކު ކުޅެފައިވާ ކެރެކްޓާއަކާ ވަރަށް ބޮޑަށް ގުޅޭކަން ފާހަގަވިއެވެ.

ރޭޕްއާ ގުޅޭ ހާދިސާތަކެއް ދައްކުވައިދޭ "މަޒްލޫމް" ގެ ފުރަތަމަ ޗެޕްޓާއިން ވެސް ފެންނަނީ ސަސްޕެންސެވެ. ނަމަވެސް މުޅިން އެހެން ލެވަލެއްގެ ސަސްޕެންސެކެވެ. މީގައި ވަނީ މިހެންނޭ ކިޔައިދޭ ހިތްވި ނަމަވެސް، އިއްލެގެ ފުރިހަމަ މަސައްކަތަށް ބުރޫ އަރުވާކަށް ނެތީމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!