Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގޭތެރޭގެ މަސައްކަތްތަކުގައި އަނބިންނަށް އެހީވުމަކީ ހުތުރުކަމެއް ނޫން!

ގޭތެރޭގެ މަސައްކަތްތަކުގައި އަނބިންނަށް އެހީވުމަކީ ހުތުރުކަމެއް ނޫން!
ޒަމާން ބަދަލުވެއްޖެއެވެ. ހާލަތު ބަދަލުވެއްޖެއެވެ. އަންހެނުންނަށް ގޭގައި ތިބެވޭކަށް ނެތެވެ. ތައުލީމީ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދައި، އަންހެނުން އަންނަނީ އެކި ފަންނުތަކުގައި ކާމިޔާބީތައް ހޯދަމުންނެވެ. މިހާރު ގިނަ އަންހެނުން ބޭނުން ވަނީ ވަކި ފަންނެއްގެ ވަޒީފާއެއްގައި އުޅެ، އާމްދަނީއެއް ހޯދާށެވެ. މީގެ ކުރިން އަންހެނުންނަކީ ގޭގެ މަސައްކަތަށް ތިބޭ ބަޔަކަށް ވަނީ ވެފައެވެ. ނަމަވެސް މިހާރު ވަރަށް ބޮޑަށް ހާލަތު މި ވަނީ ބަދަލުވެފައެވެ. އަމިއްލަ ގެދޮރުގައި އުޅެ، ދަރިންނަށް މަތީ ތައުލީމު ހޯދައިދިނުމަށް އަންހެނުން ވެސް ވަޒީފާއަށް ދާން މަޖުބޫރެވެ. މާލެއަށް ދިރިއުޅުން ބަދަލުކޮށް ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭން މަސައްކަތްކުރާ މީހުން އެތައް ހަރަދެއް ކުރަން ޖެހެއެވެ. ފިރިމީހާއަށް ލިބޭ އެއްޗަކުން ހަރަދު ބެލެހެއްޓޭނެ ގޮތެއް ނެތެވެ. ގޭގެ ކުއްޔަށް ދާ ހަރަދު ވެސް އެހާ ބޮޑެވެ. އެ ހާލަތުގައި އަންހެނުން ވަޒީފާ އަދާކުރުމަށް ފަހު، ގެއަށް އައިސް ގޭގެ މަސައްކަތައިގެން އުޅެން ޖެހެއެވެ. ފިރިމީހާއާއި ދަރިންގެ އަންނައުނު ދޮވެ، އިސްތިރިކުރަން ޖެހެއެވެ. ކާ އެއްޗެހި ތައްޔާރުކުރަން ޖެހެއެވެ. ގޭތެރެ ސާފުތާހިރުކުރަން ޖެހެއެވެ. ދަރިން ސްކޫލުގައި ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި އެހީތެރިވާން ޖެހެއެވެ. އެ ނޫން ވެސް ގޭތެރޭގެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ހިތާމައަކީ ބައެއް ފިރިންނަށް އެމީހުންގެ އަނބިން ކުރަން ޖެހޭ ބުރަ މަސައްކަތް ވަޒަންކުރަން ނޭނގުމެވެ. ބައެއް މީހުން ދެކޭގޮތުގައި އަނބިންނަށް އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ފިރިންނަށް ކައްކައި ދިނުމެވެ. ފިރިންގެ ހުރިހާ ކަމެއް ކޮށްދިނުމެވެ. އަދި ވަޒީފާ ނިންމާ ގޮތަށް ރައްޓެހިންނާ އެކު ކޮފީތަކުގައި ދުވަހުގެ ބާކީބައި އުޅުމަކީ ބައެއް ފިރިހެނުންގެ އާދައެކެވެ. އެ ވިސްނުންތައް މުޅިން ގޯހެވެ. ހާއްސަކޮށް ހާލަތު އޮތް ގޮތާ މެދު ވިސްނަން ޖެހެއެވެ. އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުން ގޭތެރޭގެ މަސައްކަތްކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ހާއްސަކޮށް އަނބިމީހާއަށް މީރު ކާއެއްޗެއް ތައްޔާރުކޮށްލުމަކީ ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ހަމަޔަގީނުން ވެސް ތިމާގެ އަނބިމީހާ އެކަން ބަލައިގަންނާނީ ލޯތްބާއެކުއެވެ. ކޮފީތަކުގައި އުޅޭ ގަޑިތައް މަދުކޮށްލާފައި ފިރިހެނުން ވެސް ގޭތެރޭގެ މަސައްކަތެއްގައި ބައިވެރިވެލަން ޖެހެއެވެ. އުފާވެރި ކައިވެންޏެއް ދެމެހެއްޓުމަށް އަނބިމީހާއަށް އެހީވުން މުހިންމެވެ. ކުރަން ނޭނގޭ ކަމެއް ނަމަ، އެކަން ދަސްކޮށްލުން ރަނގަޅުވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް