ޗައިނާގައި ހަލުވިކަމާ އެކު ޑެލްޓާ ވޭރިއެންޓު ފެތުރެނީ

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ޗައިނާގައި ފެތުރި ގިނަ ބަޔަކު ބައްޔަށް ފައްސިވާން ފަށައިފިއެވެ.
ޗައިނާގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ގައުމުން 64 މީހުން ކޮވިޑް-19އަށް އަލަށް ފައްސިވެފައިވެއެވެ. އަދި ޖުމްލަ 92،875 މީހުންނަށް މި ބަލި ޖެހިފައިވެއެވެ. ކޮވިޑް-19 ޖެހިގެން އެ ގައުމުން 4،636 މީހުން ވަނީ މަރުވެފައެވެ. އަދި 87،307 މީހުން ބަލިން ފަސޭހަވެފައިވެއެވެ.
ޗައިނާގައި އެންމެ ގިނަ މީހުންނަށް ބަލިޖެހިފައި ވަނީ އެ ޤައުމުގެ އިރުމަތީގައި އޮންނަ ޖިއަންސޫ ޕުރޮވިންސްގެ ވެރިރަށް ނަންޖިންނުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެ އަވަށުގައި ރިކޯޑް އަދަދަކަށް ކޮންމެ ދުވަހަކުވެސް މީހުން ފައްސިވަމުން ދެއެވެ. މިއާ އެކު ނަންޖިންގައި ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފައެވެ.
ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރިފައިވަނީ ޗައިނާގައެވެ. އެ ގައުމުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައިއެ ގައުމުގައި އެއް ސިޓީން އަނެއް ސިޓީއަށް ޓެކްސީ އަދި ކާރު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ޖުލައި 27އިން ފެށިގެން ބަސް ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފައެވެ.