ޚަބަރު

ނާއިބު ރައީސް ގުރައިދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގުރައިދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައިފިއެވެ.

Ads by Hajj Corporation

ފައިސަލް ނަސީމް މި ދަތުރުފުޅުގައި ގުރައިދޫގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލައްވައިފައިވެއެވެ.

‎ފައިސަލް ނަސީމް، މިއަދު މެންދުރުފަހު ގުރައިދުއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. މިދަތުރުފުޅުގައި، ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވައި އެ މަރުކަޒުގެ އިސްވެރިންނާ ފައިސަލް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒު ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ މަރުކަޒުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގު ވަޒަން ކުރައްވައި އެ ފަރާތްތަކަށް ހިތްވަރުދެއްވައިފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ގުރައިދޫ ޞިއްޙީ މަރުކަޒާއި އެރަށުގައި އަލަށް ހިއްކި ސަރަޙައްދު ބައްލަވާލެއްވުމަށް ފަހު އެމަނިކުފާނު ވަނީ ގުރައިދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ސަރުކާރުން އެރަށުގައި ހިންގަވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

‎މި ބައްދަލުވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ރަށުގެ ބިމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން 15 ހެކްޓަރުގެ ބިން ހިއްކަވައިދެއްވަމުން ގެންދަވާކަމަށް ޓަކައި ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ތަރައްޤީއަށް ހިންގަމުންގެންދާ އިތުރު މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހަލުވިކަމާ އެކު ހިނގަމުންދާކަން ކައުންސިލަރުން ފާހަގަ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައް ވެސް ހިއްސާ ކުރައްވައިފައެވެ.

‎ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ޚިދުމަތް ޤާއިމްކުރުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރައްވާފައިވެއެވެ.

‎ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އާދަމް އާޒިމް އަދި، ހެލްތު މިނިސްޓްރީއާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!