ބޮލީވުޑް

މިތުރުން ހަތުރުންނަށްވެ، އަނެއްކާ ވެސް ހަތުރުން މިތުރުންނަށްވި ބައެއް އެކްޓަރުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލްމު އިންޑަސްޓްރީގައި ދާއިމީ އެކުވެރިންނާއި ދާއިމީ ދުޝްމަނުން ވެސް ނުތިބޭނެ ކަމަށް އިންޑަސްޓްރީގެ ގިނަ މީހުން ޤަބޫލު ކުރެއެވެ. އެއީ ކޮންމެ ޤައުމެއްގެ ފިލްމު އިންޑަސްޓްރީ ކަމުގައި ވިޔަސް، އެ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި މިތުރުންނާއި ހަތުރުން ވެސް އެކުލެވިގެންވާ ކަމަށް ޚަބަރުތަކުން ވެސް ހާމަވެއެވެ.

Ads by Sosun Fihaara

މިއަދަކީ "ފްރެންޑްޝިޕް ޑޭ" (އެކުވެރިންގެ ދުވަސް) ކަމުގައިވީ ހިނދު، މި ބަލައިލަނީ މިފަދައިން ހަތުރުންނަށްވެ، ފަހުން އަނެއްކާ ވެސް މިތުރުންނަށްވި ބޮލީވުޑްގެ ބައެއް ތަރިންގެ ވާހަކަތަކަށެވެ.

ޝާހްރުކް ޚާންއާއި ސަލްމާން ޚާންގެ ޒަމާންވީ އެކުވެރިކަން ރޫޅި، އަލުން ގުޅުން

ބޮލީވުޑްގެ އެންމެ މަގުބޫލު ދެ ޚާނުން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާންގެ އެކުވެރިކަމަކީ އެތައް ބަޔަކު މިސާލު ނަގާ އެކުވެރިކަމެކެވެ. މި ދެ ތަރިން ފިލްމަކުން އަދި ޝޯއަކުން ވެސް އެކުގައި ފެނިއްޖެ ނަމަ، އެތައް ބަޔަކު އެކަމާ އުފާވެ، ދެ ތަރިންނަށް ހޫނު ތަރުހީބެއް ދެއެވެ.

ނަމަވެސް 2008 ވަނަ އަހަރު ކެޓްރީނާ ކެއިފްގެ އުފަން ދުވަހު ބޭއްވި ޕާޓީ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާންއާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހުނެވެ. އިންޑަސްޓްރީގެ "ކަރަން އަރްޖުން" އެއިރު ވަކިވާން ޖެހުނީ ސީދާ ކޮން ސަބަބަކާ ހެދިކަން އެ އިރުގެ ޚަބަރުތަކުން ސާފު ނުވި ކަމުގައިވިޔަސް، ދެ ތަރިން ވެސް އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓައިލި ކަމަށާއި އެކުގައި މަސައްކަތް ވެސް ނުކުރާނެ ކަަމަށް ޚަބަރު ފެތުރުނެވެ. އެ ޚަބަރުވީ އެތައް ބަޔަކު ރޮއްވައިލި ޚަބަރަކަށެވެ.

ސަލްމާނާއި ޝާހްރުކް ގެ އެކުވެރިކަން އަލުން ބަދަހިވީ އޭގެ ފަސް އަހަރު ފަހުން، ބާބާ ސިއްދީގީ ދިން ރޯދަ ވީއްލުމަކަށް ފަހުގައެވެ. އެއަށް ފަހު ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ކައިވެނީގެ ހަފްލާގައި ވެސް މި ދެ ތަރިންގެ އެކުވެރިކަން އަނެއްކާވެސް އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

އެވޯޑެއް ނުލިބުމުގެ މައްސަލައިގައި ރިޝީ ކަޕޫރްއާއި އަމީތާބު މައްސަލަ ޖެހުނުކަން އެނގޭތަ؟

ކުރީގެ އެކްޓަރުންނަށް ބަލާއިރު، އަމީތާބް ބަޗަންއާއި ރިޝީ ކަޕޫރްގެ އެކުވެރިކަމަކީ ވެސް ގިނަ މީހުން މިސާލު ނެގި އެކުވެރިކަމެކެވެ. އާއިލީ އެކި ކަންކަމުގައި ވެސް ދެ ތަރިން އެކަކު އަނެކަކާ ބައްދަލުކޮށް، ދެ ތަރިންގެ އުފަލާއި ހިތާމައިގައި އަބަދުވެސް ބައިވެރިވާކަން ވެސް ގިނަ މީހުން ފާހަގަކޮށް އެ ދެ ތަރިންގެ އެކުވެރިކަމަށް ތައުރީފު ވެސް ކުރިއެވެ.

ނަމަވެސް މި ދެ ތަރިންގެ އެކުވެރިކަމަށް ކަޅު ވިލާގަނޑެއް އެރީ ފިލްމު "ބޮބީ" ކުޅެގެން 1974 ވަނަ އަހަރު ރިޝީ ކަޕޫރްއަށް ފިލްމްފެއާ އެވޯޑުން އެންމެ މޮޅު އެކްޓަރުގެ މަގާމު ރިޝީ ކަޕޫރަށް ލިބުމުންނެވެ. އަމީތާބްއާއި މައްސަލަތަކެއް ޖެހުނު ކަމަށް ރިޝީ ކަޕޫރް ވެސް ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ. ނަމަވެސް އޭގެ ހަ ވަރަކަށް އަހަރު ފަހުން އެ ނުރުހުން ފިލައިގެން ދިޔަ ކަމަށް ވެސް ރިޝީ ބުންޏެވެ.

ރިޝީ ކަޕޫރް މަރުވި ދުވަހު ވެސް، އެންމެ ގަދަޔަށް ރުއި އެކަކީ އަމީތާބް ކަމަށް ރިޝީގެ އާއިލާ ވެސް ބުނެފައިވެއެވެ.

ޝާހްރުކް ޚާންއާއި ފަރާ ޚާންގެ އެކުވެރިކަމުގެ ދެމެދަށް ފަރާގެ ފިރިމީހާ؟

ކޮރިއޮގްރަފަރ އަދި ޑައިރެކްޓާ ފަރާ ޚާންއާއި ބޮލީވުޑްގެ "ކިންގް ޚާން" ޝާހްރުކް ޚާންގެ އެކުވެރި ކަމަކީ ދުވަހަކު ވެސް ކެނޑިގެން ގޮސްފާނެ ކަމަށް އެކަކު ވެސް ޤަބޫލުކުރި އެކުވެރިކަމެއް ނޫނެވެ. ދެ މީހުންގެ މަޖާ މިޒާޖާއި އެކަކު އަނެކަކަށް އަބަދުވެސް ބަހައްޓާ އޯގާތެރިކަން، މީހުންގެ ލޯ ތަކަށް ފާހަގަ ނުވެ ނުދެއެވެ.

ފަރާ އެންމެ ފުރަތަމަ ޕްރޮޑިއުސް ކުރި ދެ ފިލްމުގައި ޝާހްރުކް ހަރަކާތްތެރިވެ، އެ ދެ ފިލްމު ވެސް ކާމިޔާބު ދެ ފިލްމަށްވީ ނަމަވެސް، މި ދެ މީހުންގެ އެކުވެރިކަމަށް ބުރޫ އެރީ ޝާހްރުކް ޚާން އުފެއްދި "ރާ ވަން" ފިލްމަށް ފަރާ ގެ ފިރިމީހާ ޝިރިޝް ކުންދަރް ފާޑު ކިޔުމުގެ ސަބަބުންނެވެ.

ޝިރިޝްގެ ފާޑު ކިޔުންތަކަށް ފަރާ އެއްޗެއް ނުބުނުމާއި އޭނާ ނުހުއްޓުވުން ޝާހްރުކް ޚާންއަށް ވީ ބަައިގަންނަން ދަތި ކަމަކަށެވެ. އެހެންކަމުން މި ދެ ތަރިންގެ އެކުވެރިކަމަށް އެ ދުވަސްވަރު ބުރޫ އެރިއެވެ.

ނަމަވެސް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިހާރު ފަރާއާއި ޝާހްރުކް ޚާން ވަނީ އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައި ވެދިޔަ ތަން ހަނދާން ނައްތައިލައިފައެވެ.

ކަރީނާއާއި ޕްރިޔާންކާގެ އެކުވެރިކަން އަލުން އުފެދުނީ ސްޓޭޖުމަތިން

ޕްރިޔާންކާއާއި ކަރީނާގެ އެކުވެރިކަން އާންމުންގެ ސަމާލުކަމަށް ހަގީގަތުގައި އައީ ދާދި ފަހުންނެވެ. ނަމަވެސް ޚަބަރުތަކުން ބުނެފައިވާ ގޮތުގައި މި ދެ ތަރިންނަކީ ކުރިން ވެސް ވަރަށް ގާތް ކޮށް އުޅުނު ދެ ތަރިންނެވެ.

ކަރީނާއާއި ޕްރިޔާންކާގެ މެދުގައި މައްސަލަ ޖެހުނީ އަކްޝޭ ކުމާރްއާ ވެސް އެކު ކުޅުނު ފިލްމު "އޭތްރާޒް"އަށް ފަހުގައެވެ. އެ ފިލްމުގައި ކަރީނާއަށް ލީޑް ރޯލް ލިބުނި ކަމުގައި ވިޔަސް، ބޮޑަށް ސަމާލުކަން ލިބި މަޝްހޫރުވީ ޕްރިޔާންކާއެވެ. އެކަން ވީ ކަރީނާއަށް ބަރުދާސްތު ކުރަން އުނދަގޫވި ކަމަކަށެވެ. އަދި ދެ ތަރިންގެ މެދުގައި މައްސަލަ ޖެހެން ފެށިކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ކަރީނާއާއި ޕްރިޔާންކާގެ މެދުގައި އެކުވެރިކަން އަލުން އާލާވީ ސައިފްއާއި ކަރީނާ ކައިވެނި ވެސް ކުރި ފަހުންނެވެ.

"މުމްބައި ޕޮލިސް މޭލާ 2010" ގައި ޕްރިޔާންކާ ވަނީ އޭނާއާ އެކު ސްޓޭޖްމަތީގައި ބައިވެރިވާން ކަރީނާއަށް ދައުވަތު ދީފައެވެ. އެ ދައުވަތު ގަބޫލުކޮށް ކަރީނާއާއި ސައިފް އަދި ޝާހްރުކް ޚާން ވެސް ވަނީ ސްޓޭޖަށް އަރައި އެކުގައި ނަށައިފައެވެ. އަދި އެއަށް ފަހު ދެ ތަރިންގެ އެކުވެރިކަން ވެސް ވަނީ އަލުން ފެށިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!