ލައިފްސްޓައިލް

މީހުންގެ ޒާތީ ދިރިއުޅުމާއި ނުބެހެންވީ ސަބަބު މިއޮތީ!

ދެން އެމްވީ ، ދެން އޮންލައިން

އެހެން މީހުންގެ ޒާތީ ދިރިއުޅުމަށް ފާޑު ނުކިޔައި ނޫޅެވެނީ ކީއްވެހެއްޔެވެ؟ މީހުންގެ ޒާތީ ދިރިއުޅުމާއި ބެހި ފާޑުކިޔުމަކީ، އެކަން ކުރުމުން އެއްވެސް ފައިދާއެއް ނުވާ އަދި ވަރަށް ގޯސް އާދައެކެވެ. މީހުން ކުރާ ކަންކަމަށް ފާރަވެރިވެ އެކަމާއި ބެހުމަކީ ވަރަށް ވަގުތާއި ހަކަތަ ހޭދަވާ ކަމަކަށްވާއިރު، އެކަން ކުރުމުން ބަދަލުގައި އަހަރެމެންނަށް އެއްވެސް ކަމެއް ހާސިލެއް ނުވާނެއެވެ. އެހެންކަމުން މިފަދަ ކަމެއް ކުރުމުގެ އެއްވެސް ބޭނުމެއް އެބައޮތް ހެއްޔެވެ؟

Ads by MWSC

އެހެން މީހުންގެ ޒާތީ ދިރިއުޅުމަށް ފާޑުކިޔަން ހަގީގަތުގައި މެދުވެރިވަނީ ވަރަށް ގިނަ ސަބަބުތަކާއި ހުރެއެވެ. ބައެއް ހާލަތްތަކުގައި އެހެން މީހުންގެ ޒާތީ ދިރިއުޅުމަށް ބަސްބުނަނީ ނުބައި ނިޔަތެއްގައެއް ނޫނެވެ. ބައެއް ފަހަރު އަހަރެމެންގެ ގާތް އެކުވެރިންގެ ދިރިއުޅުމުގައި ހިނގާ ކަންކަމާއި ބެހި، ނަސޭހަތް ދެނީ އެމީހުންނަށް ދެރަގޮތެެއް ވާން ބޭނުންނުވާތީއެވެ. ނަމަވެސް ގިނަ ފަހަރު ވާގޮތަކީ މާބޮޑަށް އެކުވެރިންގެ ނުވަތަ އާއިލާ މީހުންގެ ދިރިއުޅުމުގެ ކަންކަމަށް ނުފޫޒު ފޯރުވޭއިރުވެސް އެކަން އިހްސާސް ނުވަނީއެވެ. މިކަމުގެ ނަތީޖާއަކަށް ވަނީ އެކުވެރިންގެ މެދުގައި މައްސަލަތައް ޖެހި ގުޅުމަށް ބުރޫއެރުމެވެ.

އެހެން މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމާއި ބެހޭ އަނެއް ސަބަބަކީ، ބައެއް މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ ނިންމުންތައް އެންމެ ރަނގަޅަށް ނުނިންމޭތީއެވެ. އަދި މިހެން ދިމާވާތީ، އެމީހުންނަށް ހެޔޮ އެދޭ މީހުން ބޭނުންވަނީ، ދިރިއުޅުމުގައި އެމީހުންނަށް ގޯސްކޮށް އެޅޭ ފިޔަވަޅުތައް ކިޔައިދީ ރަނގަޅު މަގު ދެއްކުމަށެވެ. ނަމަވެސް މި ހާލަތުގައިވެސް ވާގޮތަކީ، މާބޮޑަށް މީހަކަށް ދިރިއުޅުމުގައި ކުރެވޭ ކުށްތައް ކިޔައިދީ، ކަންކަން ރަނގަޅު ކުރަންޏާ ފޫހިވާން ފަށާނެއެވެ. އެއީ އިންސާނާގެ ތަބީޢަތެވެ.

އެހެން މީހުންގެ ދިރިއުޅުމަށް ބަސްބުނެ، އެހެން މީހުންނަށް ފާޑުކިޔައި ހެދުމުގައި ތިމާގެ އަގުހުރި ވަގުތުތައް ބޭކާރު ކުރުމުގެ ބަދަލުގައި އަމިއްލަ ދިރިއުޅުމުގައި ރަނގަޅު ކުރަންހުރި ކަންކަން ކުރިއްޔާ މާ ރަނގަޅުވާނެއެވެ. އެހެން މީހުންގެ ކަންކަމާއި ބެހުމުގައި ވަގުތުތައް ބޭކާރު ކުރަން ހަދައިގެން ތިމާއަށް ދާނީ އެއްވެސް ކާމިޔާބީއެއް ހާސިލު ނުކުރެވިއެވެ.

ވިސްނާލާށެވެ. އަހަރެމެން ބުރަ މަސައްކަތުން ހޯދާ ފައިސާ އެހެން މީހަކަށް އެއްވެސް ސަބަބަކާއި ދޭނަން ހެއްޔެވެ؟ ނުދޭނެކަން ޔަގީނެވެ. އެހެންކަމުން ތިމާގެ އަގުހުރި ވަގުތާއި ހަކަތަ ކަމަކާއި ނުލައި އެހެން މީހުންނަށް ދެނީ ކީއްކުރަންހެއްޔެވެ؟ ކޮންމެ މީހެއްގެވެސް ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަން ހިނގާނެކަން ކަށަވަރެވެ. އެހެން ކަމުން އަހަރެމެންގެ ވަގުތާއި ހަކަތަ ހޭދަކުރަންވީ އެކަންކަން ކުރުމަށެވެ. ކޮންމެ މީހަކުވެސް ބަލަންވީ އެމީހެއްގެ ހާލައިގެން އުޅެވޭތޯއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!