ގާސިމް , ނާޒިމާއި ރިޔާޒަށް: އެއްފުޅަށް މަތީން ފުންމައިލި ބަކަރި އަނެއް ފުޅައްމަތީން ފުންމައިލާނެ
ޖުމްހޫރީ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ މަސައްކަތުން ދޭހަ ވަނީ އެއްފުޅަށް މަތީން ފުންމައިލި ބަކަރި އަނެއް ފުޅައްމަތީން ފުންމައިލާނެކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"މިހާރު"އަށް ދެއްވި އިންޓަރވިއުއެއްގައި ޤާސިމް ވިދާޅުވީ، އެ ބޭފުޅުން އެ ކުރައްވަމުން ގެންދަވަނީ، ވަރަށް ހަޑިހުތުރު ކަމެއް ކަމަށާއި އަދި އެ ދެބޭފުޅުން މިހާރު ތިއްބެވި ހިސާބަށް ވަޑައިގަނެވުނީ ޤާސިމްގެ ވަރަށް ބުރަ މަސައްކަތްޕުޅުން ކަމަށެވެ.
"އެ ކަހަލަ ބަޔަކު އެހެން މީހުންނަށް މާ ރަނގަޅަށް ކަންތައް ކޮށްދީފާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެހާ ހެޔޮ އެދިގެން އުޅޭ ބައެއް ނަމަ އަޅުގަނޑުގެ ގައިގައި ޖަހައިފައެއް ނުދާނެ. ދިވެހި ބަހުގައި އެ އަށް ކިޔަނީ އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެއޭ،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ނާޒިމް ޖަލަށް ލުމުން އޭނާ ސަލާމަތްކޮށްދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ. އަދި މެންބަރުކަމަށް އިންތިޚާބުކޮށްދިނުމަށް ވެސް މަސައްކަތްތަކެއް ކޮށްދިން ކަަމަށް ވެސް ވިދާޅުވިއެވެ.
"އެއީ [ނާޒިމާއި ރިޔާޒް ކުރައްވާ] ވަރަށް ހަޑި ހުތުރު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ޖޭޕީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީގެން އެ ބޭފުޅުން ގެނައީ. އެކަމަކު އެހެރީ ކަންތައް ކުރި ގޮތް. ނާޒިމް ޖަލަށްލީމާ އޭނާ ސަލާމަތް ކުރުމަށް އަޅުގަނޑު ކުރި މަސައްކަތް މުޅި ގައުމަށް ފެންނާނެ. ނާޒިމްގެ ދިފާއުގައި އަޅުގަނޑު ކިހާ ވާހަކައެއްތޯ ޕޯޑިއަމާއި އެކި ތަންތަނުގައި ދެއްކީ. ކިހާ މަސައްކަތެއްތޯ ކުރީ" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރައްވާ ކަމަށް ސިޔާސީ ބޭނުމެއްގައި ވިދާޅުވިޔަސް އަމަލުން ފެންނަނީ އެހެން ގޮތަކަށް ކަމަށެވެ.
ޖޭޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒާއި ނޮވެމްބަރު 2018ގައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި ނާޒިމް ވަނީ މި ދިޔަ ޖުލައި މަހު ޖޭޕީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ.