ޔޯޔޯ ހަނީ ސިންގްއާ ދެކޮޅަށް އަނިޔާގެ އެތައް ތުހުމަތެއް!

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގްއާ ދެކޮޅަށް އޭނާގެ އަންހެނުން ޝާލިނި ތަލްވާރު އަނިޔާގެ ގިނަ ތުހުމަތުތަކެއް ކޮށްފިއެވެ.
ހަނީ ސިންގްއާ ދެކޮޅަށް އޭނާގެ އަންހެނުން ކުރި ތުހުމަތުތަކުގެ ތެރޭގައި ގެވެށި އަނިޔާ، ޖިންސީ އަނިޔާ، ނަފްސާނީ އަނިޔާ އަދި ފައިސާއާއި ގުޅުހުން ހުރި މައްސަލަތައް ހިމެނެއެވެ. އަދި މިމައްސަލަތައް ޝާލިނީ ވަނީ ފުލުހުންނަށް ވެސް ހުށައަޅައިފައެވެ. އަދި މިކަމާ ގުޅިގެން ޝާލިނީ ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުގެ ދަށުން ދިއްލީގެ ތިސް ހަޒަރީ ކޯޓަށް ވެސް މައްސަލަ ހުށައަޅައިފައެވެ.
ޔޯޔޯ ހަނީ ސިންގްގެ އަނބިމީހާގެ ގޮތުގައި ޝާލިނީ އާއްމުނަށް ތައާރަފްކޮށްދީފައި ވަނީ 2014ވަނަ އަހަރުގެ ތެރޭގަ އިންޑިޔާސް ރޯ ސްޓާ ރިއަލިޓީ ޝޯގެ ތެރެއިންނެވެ. އޭގެ ފަހުން ޝާލިނީގެ އިންސްޓަރގްރާމް ހޭންޑްލްގައި ހަނީ ސިންގް އާއެކު އުފާވެރި ފޮޓޯތަކެއް ހިއްސާކޮށްފައިވީ ނަމަވެސް މިފަހުން އޭނާ ކޮށްފައިވާ ފޯސްޓްތަކުން ކަންކަން ރަނގަޅު ނޫންކަންް ދޭހަވާކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
"ލޫންގީ ޑާންސް"، "އަގްރޭސީ ބާތު" އަދި "ދިލް ޗޯރީ" ފަދަ މަޝްހޫރު ލަވަތައް ކިޔައިދީފައިވާ ޔޯޔޯ ހަނީ ސިންގްއާ މެދު ކުރެވުނު ތުހުމަތުތަކަށް އޭނާ އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.