ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު މިއަދު، ރައީސް މައުމޫންގެ ގެކޮޅު ކަމަށްވާ ކިނބިގަސްދަށުގެއަށް ވަޑައިގެން އެ ގޭގައި ހުރި ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ޖާބިރު، ކިނބިގަސްދަށުގެއަށް ވަޑައިގެން އެ ގެއަށް ގެއްލުން ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.
ރައީސް މައުމޫނަށް ދެއްވިކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ނުދައްކާކަމަށް ވިދާޅުވެ ޖާބިރު މިއަދު ވަނީ ކިނބިގަސްދަށު ގެޔަށް ވަޑައިގެންފައެވެ. އެ ގެ ކައިރިއަށް ވަޑައިގަންނަވާ ވިދާޅުވީ މިހާރު ހުންނެވީ އެ ގެއް ހަވާލުވެގެން ކަމަށެވެ.
"މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެން. އަދުލު އިންސާފު ނެތުމުން އަމިއްލައަށް އަދުލު އިންސާފް ގާއިމް ކުރަމުން މިދަނީ" ކިނބިގަސްދޮށުގޭ ދޮރުމަތީގައި ހުންނަވާ ޖާބިރު ވިދާޅުވެފައިވެއެވެ.އަދި އެ ގޭގެ ދޮރާށި މަތީގައި އޮތް މައު ވެލެއް ޖާބިރު ވަނީ ހަލާކުކޮށްލައްވައި އެއްބައި ވަކިކޮށް ނައްޓުވައިލައްވައިފައެވެ.
މީގެ އިތުރުން ޖާބިރު އިއްޔެ ވަނީ ގިނިކަންޏާ މަޖިލީހުގެ ދޮރުމަތީގައި އިޙްތިޖާޖް ކުރައްވައިފައެވެ. އޭނާ ވަނީ މަޖިލިސް ދޮރުމަތީގައި އޮށޯވެ ވަޑައިގެން އޮންނަވާ ސަރުކާރާ ދެކޮޅު ޝުޢޫރު ފާޅު ކުރައްވައިފައެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މަޤާމުން ވަކި ކުރައްވަން ޖެހޭ ކަމަށް ވެސް އިއްޔެ ކުރެއްވި އިހްތިޖާޖްގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.