ފަރްހާންއާއި ޖާވިދު ހީވަނީ އެއްމާބަނޑު ދެމީހުންހެން: ޝަބާނާ

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރް ފަރްހާން އަހްތަރުއާ އޭނާގެ ބައްޕަ ޅެންވެރިޔާ ޖާވިދް އަހްތަރުއާ ދެބަފައިން ހީވަނީ އެންމާބަނޑު ދެމީހުން ކަމަށް ޖާވިދް އަހްތަރުގެ އަންހެނުން އަދި ބޮލީވުޑްގެ ތަރި ޝަބާނާ އަޒްމީ ބުނެފިއެވެ.
ފަރްހާނާއި އޭނާގެ ބައްޕަގެ ދެބަފައިންގެ މޫނުގެ ފޮޓޯއަކާ އެކު ޝަބާނާ ސޯޝަލް މީޑިޔާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ދެމީހުން ހީވަނީ އެއްމާބަނޑު ދެމީހުން ކަމަށެވެ.

ފަރްހާން އާއި ޖާވިދު ވައްތަރުކަމަށް ބުނެ ޝަބާނާ ޓްވީޓް ކުރި ފޮޓޯ
ޝަބާނާ ހިއްސާ ކުރި ފޮޓޯގައި ދެބަފައިން ވަރަށް ވައްތަރެވެ. ޝަބާނާގެ މި ފޮޓޯއަށް އޭނާގެ ފޮލޯކުރާ މީހުން ވަނީ ދެމީހުން ވަރަށް ވައްތަރު ކަމަށާއި ހަމައެކަނި ތަފާތަކީ އުމުރު ކަމަށް ބުނެ ކޮމެންޓުކޮށްފައެވެ.
ޝަބާނާ އަޒްމީއަކީ ޖާވިދްގެ އަނބިމީހާއަށް ވިޔަސް އެއީ ފަރްހާންގެ މަންމައެއް ނޫނެވެ. ފަރްހާންއާއި ބޮލީވުޑްގެ ފިލްމް މޭކަރ ޒޯޔާ އަހްތަރު އަކީ ޖާވިދުގެ ދެ ދަރިންނެވެ. އެހެން ނަމަވެސް މި ދެ މީހުންނަކީ ޖާވިދުގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނެވެ. ފަރްހާންގެ މަންމަ ހަނީ އިރާނީ ވަރިކުރުމަށް ފަހު ޖާވިދުގެ މިހާރުގެ އަނބިމީހާ ޝަބާނާއާ ކައިވެނި ކޮށްފައި ވަނީ 1984 އަހަރުގައެވެ. އެހެން ނަމަވެސް އެ ދެ މީހުންނަށް ދަރިއަކު ލިބިފައެއް ނުވެއެވެ.
ޝަބާނާ ފެންނަނީ ޖާވިދުގެ ދަރިންގެ ދެކެ ލޯބިވާ ދޮންމަންމައެއްގެ ގޮތަަށެވެ.